މާލޭގެ ފުރާޅުތައް ކުއްޔަށް ނަގައިގެން ސޯލާ ޕެނަލް ހަރު ކުރުމުގެ ޕްރޮޖެކްޓެއް ފަށަން އުޅޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިރުން ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާނެ ޕްރޮޖްކެޓެއް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ރިނިއުބަލް އެނާޖީ ޑިޕާޓްމަންޓެއް އުފެދިގެންދާނެއެވެ. އެ ޑިޕާޓްމަންޓުގެ ދަށުން މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭ ވަރުގެ ޕްރޮޖެކްޓެއް ޑިޒައިންކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ސޯލާ ޕެނަލް ހަރުކުރުމަށް ތަން ހޯދުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ފުރާޅުތައް ކުއްޔަށްދޭ ގޭގެ ވެރި ފަރާތުގެ ބިލުން ޑިސްކައުންޓް ދޭން ވަނީ ނިންމާފައެވެ. ތެލުގެ ހަރަދު ކުޑަ ކުރުމަށާއި ތެޔޮ އަންދާވަރު މަދު ކުރުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ.

