ބައިނަލް އަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (ޑރ.އޭއެސްއެމްއެޗް) އިން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޑރ.އޭއެސްއެމްއެޗް މައުލޫމާތުދޭގޮތުގައި ބައިނަލް އަގްވާމީ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ނެޓްބޯޅަ މުބާރާތަކީ، އެއްދުވަހުގެ މުބާރާތެއް ކަމަށާއި، ނެޓްބޯޅަ މުބާރާތް ކުރިއަށް ގެންދަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ނަރުހުންގެ އިސްނެގުމުގެ މަތިން ކަމަށެވެ.
ޑރ.އޭއެސްއެމްއެޗް އިން ބާއްވާ ނެޓްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޓީމެއް އެކުލަވާލުމަށްފަހު ޓީމް ލިސްޓު ހުށަހެޅުމަށް ޑރ.އޭއެސްއެމްއެޗް އެދެއެވެ.

އެގޮތުން ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 12 މެއި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އަށެވެ.
ތިނަދޫ ގެ ޖަމިއްޔާއެއް ކަމަށްވާ ހަވަރު ސްޕޯޓްސްގެ މެއިން ސްޕޮންސާރގެ ދަށުން ކުރިއަށް ދިޔުމަށް ހަމަޖެހިފައިމިވާ ނެޓްބޯޅަ މުބާރާތުން ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.
ބައިނަލް އަގްވާމީ ނަރުހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

