ގއ.ކޮލަމާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވައިލައިފިއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ ސަރުކާރުން ހެވީލޯޑް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ހަވާލުކޮށްގެން ތަރައްޤީ ކުރަމުން އަންނަ ކޮލަމާފުށީގެ ބަނދަރުގެ މަސައްކަތް ކުރަމުން އަންނީ ރައްޔިތުން ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަމަށްވާތީ ބަނދަރުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވާލާފައިވާ ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ކޮލަމާފުށްޓަކީ މަސްވެރި ރަށަކަށްވެފައި އަތޮޅުގެ މޫނުމަތީގައި އޮންނަ ރަށެއް ކަމަށާއި ވިއްސާރައާއި މޫސުމަށް ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން ރަށުގެ ރައްޔިތުން އެދެނީ ބަނދަރުގެ ބޭރުތޮށި ރަނގަޅުކުރުން ކަމަށާއި އެކަންތައް ރަނގަޅުކުރުމަށްފަހު ޒަމާނީ ރީތި ބަނދަރެއް ތަރައްޤީކުރުމަށް ރައްޔިތުން ވަނީ އެކުންފުންޏަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދަންނަވާފައެވެ.
ސަރުކާރުން އެއްވެސް ޖަވާބެއް ނުލިބި ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދާތީ ކޮލަމާފުށީ ރައްޔިތުން އިއްޔެ މުޒާހަރާއަށް ނުކުންނަން ތައްޔާރުވުމުން ރައްޔިތުންނާއި ވާހަކަދައްކައި އެމުޒާހަރާ ހުއްޓުވާފައިވާ ކަމަށް އިބްރާހިމް ވަހީދު ވަނީ މައުލޫމާތުދީފައެވެ. އަދި ކައުންސިލުން މިހާރު ވަނީ ބަނދަރުގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވާފައެވެ.
އިބްރާހިމް ވަހީދު އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްޤީކޮށްދިނުމަށް އެދި މިހާރު ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށާއި އޭގެތެރެއިން ބައެއް ކަންތައް ކޮށްދޭނެ ކަމުގެ އިޝާރާތެއް ލިބިފައިވީނަމަވެސް އަމަލީ މަސައްކަތް ކުރިޔަށް ނުގެންދާ ކަމަށެވެ.
މިދިޔަ އޭޕްރީލްމަހު ކޮލަމާފުށީ ރައްޔިތުން ރައީސް ސޯލިހުއަށް ހުށަހެޅި ޕެޓިޝަނުގައި ބުނާގޮތުން ކޮލަމާފުށީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނދަރުގެ ބޭރުތޮށި ބޮޑުހިލަ ޖެހުމުގެ ބަދަލުގައި ބަނދަރުގެ ބޭނުން އެންމެ އެކަށޭނަ ގޮތަށް ބޭރުތޮށި ޝީޓްޕައިލްކުރެވިގެން ދިޔުމެވެ. ނަމަވެސް ބަނދަރުގެ މަސައްކަތް ފެށިގެން ނިމެން ކައިރިވެފައިވާއިރު ބޭރުތޮށި ޝީޓް ޕައިލް ނުކުރެވި، ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ބަނދަރުގެ މަސައްކަތް ނިމިގެން ދިޔުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއްނޫންކަން އެޕެޓިޝަނުގައި ބުނެފައިވެއެވެ.
ކޮލަމާފުށި ބަނދަރު މަޝްރޫއުގެ ދަށުން އެރަށުގައި 548 މީޓަރުގެ ބޭރުތޮށިލައި، 550 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން ހަތަރު ނެރުބައްތި ބަހައްޓައި، 28 ބަނދަރު ބައްތި ހަރުކުރާނެއެވެ. މީގެ އިތުރުން 66،330 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކުރުމާއި 5،750 ކިޔުބިކް މީޓަރު ގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 404 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި 2،750 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ގާއިމް ކުރާނެއެވެ.

