ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 6 މޭގައި ދިން ޓެރަރިސްޓު ހަމަލާގައި ބައިވެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ފާތިހު، އޭރުވެސް ހުންނެވީ ފުލުހުންގެ ވަޒީފާގައިކަމަށްބުނެ ދެކެވުނު ވާހަކަ ފުލުހުން ދޮގުކުރައްވައިފިއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި އަހުމަދު ފާތިހު ހަމަލާ ދިންއިރުވެސް ހުރީ ފުލުހުންގެ ޚިދުމަތުގައި ކަމަށްބުނެ ދައްކަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށާއި ފާތިހު ފުލުހުންގެ ވަޒީފާއާއި ގުޅިފައިވަނީ، 25 ނޮވެމްބަރު 2018ގައި އަދި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިވެފައިވަނީ އަމިއްލައަށް ، 3 ފެބްރުއަރީ 2021ގައި ކަމަށެވެ.
ބަޔާނުގައި ބުނާގޮތުން ފާތިހު އޭރު ހުންނެވީ ފުލުހުންގެ ވަޒީފާގައި ނޫންކަން ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގީ ހުރިހާ މަރުހަލާއެއްގައިވެސް ތަހުގީގު ޓީމުތަކުން ވަނީ މީޑިޔާއަށް ހާމަކޮށްފައެވެ. އަދި ފާތިހުގެ މައްސަލަ ތަހުގީގުކޮށް ނިންމާ ދައުވާ ކޮށްދިނުމަށް ޕްރިސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައި ވާކަމަށާއި، އެހެންނަމަވެސް އޭނާގެ މައްޗަށް ދައުވާކުރެވޭ ހާލަތެއް ނެތްކަމަށް ނިންމާފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކަމަށް ފުލުހުންވަނީ ބުނެފައެވެ. ޕީޖީން ދައުވާ ނުކުރުމަށް ނިންމާފައިވަނީ ދައުވާކުރެވޭނެ ވަރަށް އޭނާގެ މައްޗަށް ހެކި ނެތުމުގެ ސަބަބުންނެވެ.
ފުލުހުން މިބަޔާން ނެރުނީ ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ފާތިހު އެމްޕީއެސް އިން ވަކިކޮށްފައިވަނީ ބޮމުގެ ހަމަލާއަށް ފަހުގައި ކަމަށެވެ. އަދި ދައުވާ ނުކޮށް ދޫކޮށްލާފައިވާ ފާތިހުއަކީ ބޮން ގޮއްވާލި މީހާ، އަދްހަމް އެކަންކޮށްފައި މާފަންނު ބޮނޑިބަތް ޕާކަށް ދިއުމުން އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލްގެ ފަހަތުގައި އިން މީހާ ކަމަށެވެ.
ނަޝީދުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ފުލުހުން ބުނެފައިވަނީ ނަޝީދުއަށް ބޮމުގެ ހަމަލާ ދެވުނުއިރު ފާތިހު ހުންނެވީ ފުލުހުންގެ ވަޒީފާގައި ނޫންކަމަށާއި އެކަން މީޑިޔާތަކަށް އަންގާފައިވާނެ ކަމަށެވެ.

