ގއ. މާމެންދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް އަނދާ އަޅިޔަށްވެއްޖެއެވެ.
“ލޯންގް ލައިފް” ނަމަކަށް ކިޔާ ގޭގައި އަލިފާން ރޯވެފައިވަނީ ރޭ ދަންވަރު 12:30 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައެވެ.
މާމެންދޫ ކައުންސިލްގެ ރައީސް މިސްބާހް މުޖުތަބާ ވިދާޅުވީ ބޮޑަށް ބެލެވެނީ އަލިފާނުގެ ހާދިސާ ހިގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އެގޭގައި ރޯވި އަލިފާންގަނޑުު ނިއްވާލުމުގައި ރަށުގެ ޒުވާނުންނާއި އެރަށުގައި ތިބި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
މިސްބާހު ވިދާޅުވިގޮތުގައި އަލިފާން ނިއްވާލެވުނީ މެންދަމު 3 ޖެހި ފަހުންނެވެ. އަދި މިހާދިސާ ހިނގިއިރު އެގޭގައި ތިބީ ތިން މީހުންނާއި ކުޑަކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށް މިސްބާހު ވަނީ މައުލޫުމާތުދީފައެވެ.
އަލިފާނުގެ ހާދިސާ ހިނގާދިޔަ ގޭގައި ހުރި ހިފާ ގެންގުޅޭ ސާމާނުތަކާއި އަގުބޮޑު މުދާތައް ވަނީ އަޅިޔަށްވެފައެވެ. ގޭގެ ފާރުތަކުގައި ރެނދުލައި އަލިފާނުގެ ސަބަބުން ފުރާޅު ދަށުގައި އަޅާފައިވާ ލަކުނޑިތައްވެސް ވަނީ އަދާފައެވެ.އެގޭގައި މިވަގުތު ދިރިނޫޅެވޭ ވަރަށް ގެ ވަނީ އަނދާފައެވެ. އެގޭގައި ދިރިއުޅޭ މީހުން މިހާރުވަނީ އެހެން ގެޔަކަށް ބަދދަލުކޮށްފައެވެ.
އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު އިރު ސަލާމަތްކުރެވުނީ ގޭތެރޭގައި ހުރި އަލަމާރިއެއް އެކަނިކަމަށާއި، އެނޫން ހުރިހާ އެއްޗެއް އަނދައިގެން ގޮސްފައިވާކަމަށް މިސްބާހް ވަނީ މައުލޫމާތު ދީފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ މިއަދު ހެނދުނު ބުނީ މާމެންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާ އަށް އެހީތެރިކަން ދިނުމުގެ މަސައްކަތް އެ ރަށު ކައުންސިލާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ

