އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ފޮޓޯއެއް ނެގުމަށް ސަރުކާރުގެ މުވައްޒިފުންނަށް އަންގަމުންދާ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ތުހުމަތުކުރައްވައިފިއެވެ.
ވޯޓު ލާ ދުވަހުގެ އިންތިޒާމުތަކާ ގުޅޭގޮތުން މި އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަޙްމީގެ ކެންޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތަކުން ވޯޓު ކަރުދާސް ފޮޓޯ ނެގުމަށްފަހު އިސްފަރާތްތަކަށް ފޮނުވަން އަންގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޕާޓީގެ އިންތިޚާބުގައި އަމަލު ކުރެވޭ ޤަވާއިދުގައި ބަޔާންކޮށްފައި އޮތީ ފޮޓޯ ނުނެގޭނެ ކަން ކަށަވަރު ކުރުން ކަމަށެވެ.
“އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވޭ ސަރުކާރު ބައެއް ކުންފުނިތަކުން، އެބަ އަންގާ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވޯޓުލާފައި ކަރުދާސްކޮޅު ފޮޓޯ ނަގާފައި ކުންފުނިތަކުގެ އިސްފަރާތްތަކަށް ފޮނުވަން. އެހެން ދެއްކީމާ ކަމަށް އެމީހުންނަށް ޔަޤީންކަން ލިބެނީ އެމީހުން ބޭނުންވާ މުވައްޒިފަކަށްކަން އެ މީހަކު ލީ. އެހެންވީމާ، ވޯޓުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރު ކުރުމަށް ވޯޓު ފޮށި ކައިރިއަށް ކެމެރާ/ފޯނު ވެއްދިގެން ނުވާނެ” ހަސަން ލަތީފް ވިދާޅުވިއެވެ.
އެހެންކަމުުން ވޯޓުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރު ކުރުމަށް ވޯޓު ފޮށި ކައިރިއަށް ކެމެރާ/ފޯނު ވެއްދިގެން ނުވާނެކަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވިޔަ ނުދޭނެ ކަމަށާއި މިކަން ހުއްޓުވަން ކުރެވުނު މަސައްކަތެއް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން މިހާތަނަށް ހުރިހާ އިންތިޚާބެއްގައިވެސް މިކަން ވާނީ ހުއްޓުވާފައި ކަމަށާއި މި އިންތިޚާބުގައި ވެސް މިކަމަށް ހައްލު ހޯދާ ދިނުމަށް އެދިފައިވާނެކަން ހަސަން ލަތީފް ފާހަނގަކޮށްލިއެވެ.
އިންތިޚާބާއި ކައިރިވަމުންދާ ވަރަކަށް އިންތިގެ ޓީމުން ދަނީ ތތަފާތު ތުހުމަތު ތަކެއް ކުރަމުންނެވެ. އެގޮތުން ފައްޔާޒަށް ވޯޓު ނާޅާ މީހުން ވަޒީފާއިން ވަކިކުރަން އަންގާ ކަމަށާއި ވޯޓު ކަރުދާސް ފޮޓޯ ނަގަން އެންގުން ހިމެނެއެވެ.
މިއިންތިޚާބުގައި އެމްޑީޕީ ޗެއަރޕާސަންގެ މަޤާމަށް އިންތިއާ ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ. ފައްޔާޒަކި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަނުގެ ބޭފުޅެކެވެ.

