އިސްލާމްދީނަށް ފުރައްސާރަކުރިކަމަށް ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތަބާ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި އެއްބަސްވެއްޖެއެވެ.
ސޯޝަލް މީޑީޔާގައި އިސްލާމްދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ރުސްތުމް ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފައެވެ. ދައުލަތުން ރުސްތުމްގެ މައްޗަށް އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބޭއްވުނު އަޑުއެހުމުގައި ރުސްތަމް ވަކީލަކު އައްޔަންކުރަން ފުުރުސަތު ދިނުމުން ވެސް އެކަން ހަމަޖެއްސިފައި ނުވާތީ އަދި ރުސްތަމްގެ މައްޗަށް ކޮށްފައިވަނީ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ދައުވާއަކަށް ނުވާތީ ގާޒީގެ އެންގެވުމަށް ދައުލަތުން ވަނީ ދައުވާތައް އިއްވާފައެވެ.
މިއަދުގެ އަޑުއެހުމުގައި ރުސްތުމް ބުނެފައިވަނީ މީގެ ކުރިންވެސް އޭނަގެ މައްޗަށް ކޮށްފައިވާ ތުހުމަތްތަކަށް އެއްބަސްވެފައިވާނެ ކަމަށާއި އެއްވެސް މަޖުބޫރު ކަމެއްނެތި މިދައުވާތަކަށްވެސް އެއްބަސްވާ ކަމަށެވެ. އަދި މިހާރުވެސް އޭނާ ހުރީ ބަނދުގައި ކަމުން އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ރުސްތުމް ވަނީ ބުނެފައެވެ.
އެހެންނަމަވެސް ޤާޒީ ބުުނެފައިވަނީ ބަންދުގައި ކިތަންމެ ދުވަހަކު ހުއްޓަސް ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި ބަންދުގައި ހުރި މުއްދަތެއް އުނިކުރާނީ ހުކުމުގައި ކަމަށެވެ.
ދައުލަތުގެ ވަކީލް ވަނީ ރުސްތަމް ބަންދުގައި ހޭދަކުރީ 29 ދުވަހާއި 22 ގަޑިއިރާއި 19 މިނެޓް ކަމަށް ވިދާޅުވެފައެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ އެކަން އިތުރަށް ސާފުކުރަން އަންގާފައެވެ.
ރުސްތަމް ދައުވާތަކަށް އިއުތިރާފު ވި ކަމަށް ކޯޓުން ނިންމައިފި ނަމަ ފަސް މަހުގެ ޖަލު ހުކުމެއް އަންނާނެވެ.
ރުސްތަމް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު މިނިވަން ކުރުމުން އަނެއްކާވެސް 2020 ވަނަ އަހަރު އިސްލާމް ދީނަށް ފުރައްސާރަ ކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓް ކުރަން ފަށަފައިވާ ވަނިކޮށް ވަނީ ހައްޔަރު ކޮށްފައެވެ.

