ކުރާނޭކަމެއް ނެތި ފޫހިވުމަށް ބުރަކޮށް މަސައްކަތްކުރާ މީހުން ވަގުތުކޮޅެއް ހުސްކޮށްލުލަމަކީ ސިއްހަތަށް ފައިދާހުރި ރަނގަޅު ކަމެއްގެ ގޮތުގައި ސައިކޮލޮޖިސްޓުން ދެކެއެވެ.
ސައިކޮލޮޖިސްޓް ލަފާދީފައިވާ ގޮތުގައި ރަހުމަތްތެރިންނާއި، ޒިންމާތަކާއި، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުން އެކަހެރިވެ، އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށްލައި، ކުރާނޭ ކަމެއް ނެތި ފޫހިވާން ވަގުތުކޮޅެއް ހޯދުމަކީ، ސިކުނޑިއަށް ލުއިކަމެއް ދެވި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ.
އަހަރަމެން އެންމެންވެސް ވަގުތު ހުސްކުރަނީ، އަޅުގަނޑުމެން ދިރިއުޅެމުން އަންނަ ހަލަބޮލި ރޫޓީންތަކާމެދު ފިކުރުކުރުމުން ސިކުނޑިއެއްކިބާކޮށް، ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައި، ސިކުނޑި އަލުން އަނބުރާ ތާޒާކޮށްލުމަށެވެ. ހުސްވަގުތުގައި ފިލްމު ބެލުން، ފޮތް ކިޔުން، ތަފާތު މީރު ކާއެއްޗެހި ތައްޔާރުކޮށްގެން ކެއުން، ކޮންމެވެސް ރައްޓެއްސަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން ފަދަ ކަންކަމަކީ، ގިނަ އަދަދެއްގެ މީހުން، ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ބުރަތަކުން އެއްކިބާވެ، ސިކުނޑި ހަމަޖައްސާލަން ކުރާ ކަންކަމެވެ. ލިބޭ ހުސްވަގުތުގައި، އެއްވެސްކަމެއް ނުކުރުމަށް ނިންމައި، ފޫހިވާން ވަގުތު ހޭދަކުރާނެ މީހަކު ނުހުންނާނޭ ބުންޏަސް މިއީ ދޮގަކަށް ނުވާނެއެވެ.
އަހަރަމެން ދިރިއުޅެމުން އަންނަ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލާއިއެކު، ލިބޭ ހުސްވަގުތުގައި، ގިނަ އަދަދެއްގެ މީހުން ފޫހިފިލުވާލަން ވަގުތު ހޭދަކުރާ އެންމެ ބޮޑު ޕްލެޓްފޯމަށް ސޯޝަލް މީޑިޔާ ވެފައި ވެއެވެ. ހުސްވަގުތުކޮޅެއް ލިބޭއިރަށް އަހަރަމެންގެ އިންސާނީ ސިކުނޑިތަށް އޯވަރ ސްޓިމިއުލޭޓް ވެގެން ނުވަތަ ސިކުނޑިއަށް ބާރުބޮޑުވެގެން ދަނީ ސްކްރޯލް ކޮށް ނިމުމެއް ނުވާ ސޯޝަލް މީޑިޔާގެ ފީޑްތަކުގެ ތެރޭގައި ނުވަތަ އެންމެ މަޤްބޫލު ޓީވީ ސީރީޒްއެއް ބެލުމަށެވެ.
ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ކުރާނޭ ކަމެއް ނެތިގެން ފޫހިވާން ވަގުތު ހުސްކުރުމަކީ ސިއްހަތަށް ފައިދާ ބޮޑު ކަމެކެވެ. ނިއުދިއްލީގެ ޝްރީ ބާލާޖީ އެކްޝަން މެޑިކަލް އިންސްޓިޓިއުޓްގެ ކޮންސަލްޓަންޓް ސައިކޮލޮޖިސްޓް ޑޮކްޓަރ ޕައްލަވީ ޖޯޝީ، އެޗް.ޓީ ޑިޖިޓަލްއާ އެކު ކުރެއްވި މަޝްވަރާއެއްގައި، އަމިއްލަ ނަފުސަށް ވަގުތު ހޯދައި، ކުރާނޭކަމެއް ނެތިގެން ފޫހިވާން ވަގުތުކޮޅެއް ހޯދުމުގެ މުހިންމު ކަމާއި، ވަރުބަލިކަން އިހުސާސްކުރަން ޖެހޭ ހުރިހާ ސަބަބުތަކާއި، މިއީ ހަގީގަތުގައި އަޅުގަނޑުމެންގެ ސިކުނޑިއަށާއި ދުޅަހެޔޮކަމަށް ކިހާ ފައިދާހުރި ކަމެއްކަން ބަޔާންކޮށްދީފައި ވެއެވެ.
ޑރ ޖޯޝީ ވިދާޅުވާ ގޮތުގައި ސްމާޓްފޯން ތަކަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ތަފާތު ގެއްލުން ތަހައްމަލު ކުރަން ޖެހިދާނެ އެއް ސަބަބެވެ. އަދި ސޯޝަލް މީޑިއާ ސްކްރޯލް ކޮށް، އިށީނދެ އިނުމުގެ އާދަ އަކީ ސްޓްރެސް ލެވެލް މަތިވެ، ކަންކަމަށް ސަމާލުކަން ދިނުމަށް އުދަނގޫވެ، އުފެއްދުންތެރިކަން ދަށްވުމުގެ އިތުރުން ސޯޝަލް މީޑިއާ އެޑިކްޝަނަށް މަގުފަހިކޮށްދޭ ކަމެކެވެ.
ސައިކޮލޮޖިސްޓުން ލަފާދޭ ގޮތުގައި، ރަހުމަތްތެރިންނާއި، ޒިންމާތަކާއި، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުން އެކަހެރިވެ، އަމިއްލަ ނަފްސަށް ވަގުތު ދީ، ސިކުނޑި ތާޒާކޮށްލުން މުހިންމެވެ. މިފަދަ ވަގުތުކޮޅެއް ހޯދުމުން ތިބާގެ އުފެއްދުންތެރިކަން މިހާރަށްވުރެ މަތިވެ، އުފާވެރި އަދި ހާސްކަން ކުޑަ މީހަކަށް ބަދަލުވެވިދާނެއެވެ.
ޑޮކްޓަރ ޕައްލަވީ ޖޯޝީ ގެ ނަޒަރުގައި އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ހުސްކޮށް ފޫހިވުމަށް ވަގުތުކޮޅެއް ހުސްކޮށްލުމުން ހުރި ބައެއް ފައިދާތައް ތިރީގައި ހިމަނާލަމެވެ.
ޓެކްނޮލޮޖީއަށް ދެވިހިފުން ހުއްޓުން
ސްމާޓްފޯނާއި ޓެކްނޮލޮޖީގެ އެޑިކްޝަންގެ ސަބަބުން ފޯނު ޗެކް ނުކުރެވޭ ނަމަ، ގިނަ ބަޔަކަށް ހިތްނުތަނަވަސްކަން އިހުސާސް ކުރެވޭނެ އެވެ. މީގެ ސަބަބުން ހީވެސް ނުކުރާ ފަދަ ސެލް ފޯން ރިންގްޓޯނާއި ވައިބްރޭޝަން ތަޖުރިބާކޮށް، ވަށައިގެން ވާ ރީތި ތަކެއްޗާއި އަސްލު މީހުންނާ އަހަރަމެން ދުރުކޮށްލަ އެވެ. ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމަކީ ޑިޕްރެޝަނާއި އެންޒައިޓީ އާއި އެކަޑަމިކް ޕާފޯމަންސް ދަށްވެ، ނިދުމުގެ ތަފާތު މައްސަލަ ކުރިމަތިވާ ކަމެކެވެ.
ކުރާނޭ ކަމެއް ނެތިގެން ފޫހިވުމަކީ ތިބާގެ ސިކުނޑީގައި އާ ނިއުރޯޕްލާސްޓިސިޓީ އުފައްދައި ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ޒުވާން ކުދިންނާއި ފުރާވަރު އުމުރުގެ ކުދިންނަށް، ތަފާތު އެޑިކްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާއެކެވެ. އެހެންވެ، ދެން ފަހަރަކުން ހުސްވަގުތެއ ލިބިއްޖެ ނަމަ، ހަމައެކަނި ފޯނު އެއްފަރާތްކޮށް، މުސްކުޅި ގޮތް އިޚްތިޔާރުކޮށްލާށެވެ. ކުރެހުމާއި، ލިޔުމާއި، ޑޭޑްރީމް ކުރުން، ނުވަތަ ހިތްގައިމު މާހައުލެއްގައި ކޮފީތައްޓެއް ބޯލުން ފަދަ އާދައިގެ ކަމެއްގައި ވަގުތު ހޭދަކޮށްލުން މާރަނގަޅު ކަމުގައި ޑރ ޖޯޝީ ބުނުއްވައެވެ.
އުފެއްދުންތެރިކަން ކުރިއެރުވުމަށް އެހީތެރިވެދޭ
ފޫހިވުމަށް ވަގުތުކޮޅެއް ދިނުމަކީ، ވަގުތު ބޭކާރުކުރުން ކަމުގައި ވިސްނުމުގެ ބަދަލުގައި، މިއީ ތިބާގެ ސިކުނޑިއަށް ބޭނުންވާ ކަމެއްގެ ގޮތުގައި ބަލައި، ތިބާގެ ސިކުނޑި ތާޒާކޮށް، އަލުން އާ ހިތްވަރެއް ދިނުމަށް މަސައްކަތް ކުރާށެވެ. ބުރައާއި، ޓެންޝަން އަދި އަބަދު ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ތިބާގެ ސިކުނޑިއަށް ބްރޭކެއް ދިނުމުން އާ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދައި އާ ޚިޔާލުތައް އުފެއްދުމަށް މަގުފަހިވެ، އޭގެ ސަބަބުން ތިބާގެ އުފެއްދުންތެރިކަމުގެ ފެންވަރު މަތިވެގެންދާނެކަމުގައި ތަޖުރިބާކާރުން ދެކެއެވެ.
ޝައުޤުވެރިވާ އާ ކަންކަން އެނގި ދެނެގަތުމަށް އެހީތެރިވެދޭ
ފޫހިވާން ވަގުތުކޮޅެއް ހޯދުމުގެ ސަބަބުން އަބަދުވެސް ތިބާގެ ސިކުނޑިން ހުސްވާ ޖާގަ އެކްސްޕްލޯކޮށް ތަފާތު އާ ކަންކަމަށް ޝައުގުވެރިކަން އުފެއްދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އާ އަދި ޝައުޤުވެރި ކަމެއް ދަސްކުރަން ބޭނުންނަމަ، އަމިއްލަ ނަފްސަށް ފޫހިވެ، އެއްވެސް ކަމެއް ނުކޮށް "މީ ޓައިމް" ބައެއް ކަންކަމުގެ ތެރެއަށް ވަންނާށެވެ.
ހާސްކަންކުޑަ، ވިސްނުންތެރި، ސިކުނޑި އެއް އުފެއްދުމަށް އެހީތެރިވެދޭ
އެއްވެސް ކަމެއް ނުކުރުމަކީ، ހާސްކަން ކުޑަކޮށް، ވިސްނުންތެރިކަމާއި، މިޒަމާނުގެ ކަންކަމަށް އަމިއްލަ ނަފްސަށް ފޯކަސް ކުރުމުގެ އާދަ ގެނުވައި، ތިބާ އަދި ތިބާގެ ޞިއްޙަތަށް އެންމެ ފައިދާހުރި ގޮތެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ހާސްކަން ކުޑަވުމުން ލިބިގެންދާ ސިއްހީ ފައިދާތަކުގެ ތެރޭގައި ނިދި ރަނގަޅުވުމާއި، އިމޯޝަނަލް ސްޓެބިލިޓީ އާއި ޕޮޒިޓިވް ފިކުރުތަކާއި ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުން އިތުރު ކާމިޔާބުތައް ލިބިގެން ދާނެ އެވެ.
ސްޓްރެސް ކުޑަކޮށްދީ، ޕޮޒިޓިވިޓީ ގެނައުމަށް އެހީތެރިވެދޭ
ފޫހިވުމަށް ވަގުތުކޮޅެއް ހުސްކޮށްލުމުން، ސްޓްރެސް އިން ދުރުވެ އާ ފެށުމަކުން ފަށަން ވެސް ސިކުނޑިއަށް ފުރުސަތު ލިބެ އެވެ. އަދި މިއީ ސިކުނޑި އަލުން ޗާޖުކޮށް، މުސްތަގުބަލުގައި ކާމިޔާބާއި އުފާވެރިކަން ލިބުމަށް މަގުފަހިވާ ފަދަ ޚިޔާލުތަކުގައި ޕޮޒިޓިވިޓީ ގެނެސްދޭ ކަމެކެވެ.

