ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ގޮވާލާ އެމަނިކުފާނުގެ ގެކޮޅު ކުރިމައްޗަށާއި މާލޭގައި ހުންނަ ޕީޕީއެމް އޮފީހުގެ ކުރިމައްޗަށް ކަރުދާސް އަޅައި ފާރަށް ސްޕްރޭ ޖަހައިފިއެވެ.
ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި ޔާމީންގެ ފޮޓޯ ހިމެނޭ ކުރެހުން ވަނީ ސްޕްރޭކޮށްފައެވެ. މިކަން ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ގެކޮޅާއި ޕީޕީއެމް އޮފީސް ކުރިމައްޗަށް އަޅާފައިވާ ކަރުދާސް ތަކުގައި ބުނެފައިވަނީ ޔާމީން ހައްޔަރުކުރުމަށެވެ. އެމަނިކުފާނަކި ކުރީގެ ރައީސް ކަމަށްވާތީ އެމަނިކުފާނުގެ ގެކޮޅުގައި ސިފައިން ސެކިއުރިޓީ ބަލަހައްޓަން ޖެހެއެވެ. އެހެންނަމަވެސް އެގެކޮޅުގެ ސެކިއުރިޓީގައި ސިފައިން ނުތިބޭކަން ފާހަނގަކުރެވެއެވެ.
މީގެ ހަފްތާއެއް ކުރިން ޔާމީންގެ ގެކޮޅު ކުރިމައްޗަށް ބަޔަކު ނުކުމެ އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާ ވަނީ މުޒާހަރާކޮށްފައެވެ. އިދިކޮޅުން ތުހުަމަތުކުރާ ގޮތުގައި އެއީ އިންޑިޔާ ސިފައިން އަޑީގައި ތިބެގެން ދިވެހިންނަށް ފައިސާ ދީގެން ކުރުވާ ކަމެކެވެ.
ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭ ކުރި މައްސަލަ އާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ވެސް އަދި ޕީޕީއެމް އިން ވެސް ވަކިއެއްޗެއް ނުބުނެއެވެ.
ޔާމީންގެ ގެކޮޅަށް ސްޕްރޭ ކޮށްފައި މިވަނީ ރާއްޖެ އިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އެކި ތަންތަނަށް ޕީޕީއެމްގެ މެންބަރުން ސްޕްރޭއިން ޕޯސްޓަރުތައް ޖަހަމުންދާ ދަނޑިވަޅެއްގައެވެ.

