ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ބަޔަކު ސްޕްރޭ ޖަހައި ހަމަލާދެވުނީ ސަރުކާރުގެ އިހުމާލުން ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ސަރުކާރުން ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ދޭންޖެހޭ ވަރަށް ނުދެވުމުގެ ސަބަބުން އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭ ޖަހައި ގެކޮޅަށް ހަމަލާދޭން ބަޔަކަށް ކެރުނީ ކަމަށެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ގެކޮޅުގައި ސިފައިން ސެކިއުރިޓީގައި ތިބެން ޖެހޭ ނަމަވެސް އެކަން އެގޮތަށް ނުވާތީ އަދުރޭ ވަނީ އެކަން ކުއްވެރިކޮށްފައެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް ޔާމިންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހުގެ ފާރަށް ސްޕްރޭ ޖަހައި އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާ ބަޔަކު ވަނީ ކަރުދާސް އަޅާފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް މީގެ ކުރިންވެސް އިންޒާރުދިން މައްސަލައެއް ވެސް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ކަމަށާއި ނަމަވެސް ރަސްމީކޮށް މިހައިތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. މިފަހަރުވެސް އެމަނިކުފާނު ހައްޔަރުކުރަން ގޮވާލާ ކަރުދާހުގައި ލިޔުމަށްފަހު ގެކޮޅުގެ ކުރިމައްޗަށް އަޅާފައިވާއިރު ގެކޮޅުގެ ފާރުގައި އެމަނިކުފާނުގެ ފޮޓޯ ސްޕްރޭކޮށްފައިވެއެވެ.
“ރައީސް ޔާމީނާ ދޭތެރޭގައި މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެއްޖެ. އެ މަނިކުފާނުގެ ސެކިއުރިޓީއަށް އިސްކަމެއް ނުދޭ” އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

