ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ އިންޑިއާގެ ބަހެއްގައި އަލިފާން ރޯވެއްޖެއެވެ.
އިންޑިޔާގެ ޖައްމޫގެ ކަތުރާ ޓައުން ކައިރިން މިބަސް ދަތުރުކުރަމުން ދިޔައިރު އެބަހުގައި 24 މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން 4 މީހަކު ވަނީ މިހާދިސާގައި މަރުވެފައެވެ.
މީގެ އިތުރުން 20 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބި ޒަޚަމްވެފައެވެ. ރިޕޯޓްތައް ބުނާގޮތުން އެބަހަކީ ހިންދޫން އަޅުކަން ކުރަން ދާ އަވަށެއް ކަމަށްވާ ކަތުރާއަށް ދިޔަ މީހުން ގޮވައިގެން އަނބުރާ ދަތުރުކުރަމުން ދިޔަ ބަހެކެވެ. ކަތުރާއަކީ ހިންދޫން އަޅުކަން ކުރަން ދާ ހާއްސަ އަވަށެކެވެ.
ޖައްމޫ ޒޯންގެ ފުލުހުންގެ އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް (އޭޑީޖީ) މުކޭޝް ސިންހް އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު ކަށަވަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ބަހުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު އެނގުމާއެކު ފޮރެންސިކް ތަޖުރިބާކާރުން ވަގުތުން އެ ސަރަހައްދަށް ފޮނުވައި، އަލިފާން ރޯވާން ދިމާވި ސަބަބު އޮޅުން ފިލުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

