މިހާރު ކުރިޔަށްދާ އެމްޑިޕީގެ ޗެއަރޕަރސަން އިންތިޚާބުގައި، ފ.ނިލަންދޫގައި ވޯޓް އެޅުމަށްފަހު ވޯޓު ކަރުދާސް ފޮއްޓަށް އެޅުމުގެ ކުރިން ދައްކަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެމްޑީޕިގެ ރައީސް ނަޝިދު ފެކްޝަނަށް ތާއީދުކުރާ، އަދި އިމްތިޔާޒު ފަހުމީގެ ކެމްޕޭންގައި އިސްކޮށް ހަރަކާތަތެރިވާ، އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށާއި، މިއީ ޕާޓީން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދާނޭ ގޮތުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމުގައެވެ.
މިޓްވީޓާއެކު މުހައްމަދު ވަހީދު ވަނީ ވީޑީޔޯއެއް އާންމު ކޮށްފައެވެ. މީހަކު ވޯޓު އެޅުމަށްފަހު ވޯޓު ކަރުދާސް ފޮއްޓަށް އެޅުމުގެ ކުރިން ވޯޓު ކަރުދާސް ދައްކާ މަންޒަރު މިވީޑިޔޯއިން ފެނިގެންދެއެވެ.
އެހެންކަމުން މުހައްމަދު ވަހީދު ވިދާޅުވަނީ މިއީ ވޯޓުން މަކަރު ހެދުމަށް ކުރަމުންދާ ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މީގެކުރިންވެސް ވަނީ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާނެ ކަމުގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ކައިރީ ވަކި މީހަކަށް ވޯޓު އެޅުމަށް ބުނެ ވަޒީފާގެ ބިރު ދައްކާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.
އެމްޑީޕީގެ ޗެއަރ ޕާރސަންއަކު އިންތިޚާބު ކުރުމަށް އެޕާޓީގެ މެމްބަރުން މިއަދު ވޯޓު ލާން ނިކުންނައިރު، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ފުރުސަތު ދިނުމަށް ޕާޓީގެ ސެކެޓްރިއޭޓުންވަނީ ޕާޓީގެ އެންމެހާ މެމްބަރުންނަށް ގޮވާލާފައެވެ. އަދި ދެ ކެނޑިޑޭޓުންވެސް ވަނީ، މިއީ އެމްޑީޕީގެ މުސްތަގުބަލާއި އެތައް ގޮތަކުން ގުޅި ލާމެހިގެންދާ އިންތިޚާބަކަށް ވެގެން ދާއިރު، މިއިންތިޚާބުގައި ގިނަ ބަޔަކު ވޯޓު ލުމަށާއި އަދި ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ވޯޓު ލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައިވަނީ ވަރަށް ރަގަޅަށް ކަމުގައެވެ.

