މިއަދަކީ އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެ ދުވަހެއް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން ކަމާއި އަދި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސްކަމުގެ މަގާމަށް މެމްބަރުން އައްޔަން ކުރުމަށް ކުރިޔަށްދާ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި މިއަދު ހެނދުނު ވޯޓުލެއްވުމަށް މީޑިއާތަކާއި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ހެދުނު ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިހުރި، ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު، މީޑިއާއަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ކުރިމަގު ބިނާކުރަން އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި މިއަދު އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކުރަމުން ދަނީ، އިންތިޚާބުތައް ބާއްވާ ސުލްހަވެރި ސިޔާސީ ހަރަކާތައް ހިންގުމަށް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބާއި ގުޅިގެން އެމްޑީޕީ މިހާރުވަނީ ބައިބައިވެފައެވެ. ނަޝީދު ފެކްޝަނުގެ މީހުންނާއި ރައީސް ސޯލިހު ފެކްޝަނުގެ މީހުންގެ މެދުގައި ބަހުގެ ހަމަލާތައް ދަނީ ރައްދުކުރަމުންނެވެ. ދެފެކްޝަންއިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ވަަގަށް ގޮވާ، ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު އަޅުވާ، ރާބުއިމާއި ޒިނޭގެ ތުހުމަތުވެސް އެއްބަޔަކު އަނެއް ބަޔަކަށް ކޮށްފައެވެ.
މީގެއިތުރުން މިއަދު ކުރިޔަށް ގެންދާ އިންތިޚާބުގައި ވޯޓު ކަރުދާސް ދައްކާ މަކަރު ހަދަމުންދާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. ސިޔާސީ ވާދަވެރިކަން ޕާޓީތެރެއިން ވަނީ އުފެދިފައެވެ.
ޗެއަރޕާސަންގެ އިތުރުން މިއަދުގެ ވޯޓުގައި، އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

