އިންޑިއާ އިން ރާއްޖެއަށް ގޮދަންފުށް އެތެރެކުރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިއްޔެ ނިންމާފައިވަނީ އެޤައުމުގެ އިންފްލޭޝަން ރޭޓް ދަށަށް ދާތީ ގޮދަން ފުށް އެކްސްޕޯޓްކުރުން މިވަނީ މަނާކޮށްފައެވެ. މިގޮތަށް ނިންމީ ގައުމުގައި ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.
މީގެ އަށް އަހަރު ކުރިން ވެސް ނުދާހާ މައްޗަށް، މިދިޔަ މަހު އިންޑިއާގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބްތަކުން ދައްކާ ކަމަށް ރިިޕޯޓްތަކުގައި ބުނެއެވެ. ކޮންސިއުމާ ޕްރައިޒް އިންފްލޭޝަން މިދިޔަ މަހު 7.8 ޕަސެންޓަށް މައްޗަށް އެރިއިރު، ރީޓެއިލް ފުޑްގެ އިންފްލޭޝަން 8.4 ޕަސެންޓް މައްޗަށް ގޮސްފައިވެއެވެ.
އާދައިގެ ގޮދަންފުށުން ފެށިގެން ޕާސްތާ ފަދަ އެއްްޗެހި ހަދަން ބޭނުންކުރާ ހައި ޕްރޮޓީން ޑްރުމް ވެސް ހިމެނޭ ގޮތަށް، ހުރިހާ ވައްތަރެއްގެ ފުށް އެކްސްޕޯޓްކުރުން މަނާ ކުރިކަމުގައިވިޔަސް ދެގޮތަކަށް ފުށް އެކްސްޕޯޓް ކުރަން ހުއްދަ ދޭނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެތެރޭގައި ގައުމުތަކުގެ ފުޑް ސެކިއުރިޓީގެ ބޭނުމަށް އިންޑިއާ ސަރުކާރުގެ އެހީ އަށް އެދޭ ގައުމުތަކާއި، އިއްޔެގެ ކުރިން ގޮދަންފުށް އެކްސްޕޯޓްކުރަން އެއްބަސްވުން ހަދާފައިވާ ނަމަ އެ ގައުމަކަށް އެކްސްޕޯޓް ކުރެވޭނެއެވެ.
ރާއްޖެއަށް ގޮދަން ފުށް އެކްސްޕޯޓް ކުރަމުން އަންނަނީ އިންޑިޔާއިންނެވެ. އިންޑިޔާގެ މިނިންމުމާއި ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރެއް އަދި ފާހަނގަކުރެވިފައިނުވެއެވެ.

