ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަނުކުރައްވާ ނިންމާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައި ނުވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އެ އޮފީހުން މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞޯލިޙު ވާދަކުރައްވާނެ ކަމަށް ދެކެވަޑާއިނުގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ނިކުންނަ ކެނޑިޑޭޓަކު ނިންމަވާނީ އެޕާޓީގެ މެންބަރުން ކަމަށެވެ.
އެކަމާއި ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަނުކުރައްވާ ނިންމާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައި ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ފަހު އެކަން އެމަނިކުފާނު ހާމަ ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝިދު މިހެން ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމަވާ އެކަން އަދި ރައީސް ސޯލިހް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.

