މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބުގައި ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާގައި ބެހެއްޓިފައިވާ ވޯޓު ފޮށިން އިމްތިޔާޒް ފަހުމީ (އިންތި) ކާމިޔާބު ކޮށްފިއެވެ.
އިންތި އަށް ނަޑެއްލާގައި ބެހެއްޓިފައިވާ ވޯޓު ފޮށިން 99 ވޯޓު ލިބިފައިވާއިރު، އިންތިގެ ވާދަވެރި ކެނޑިޑޭޓް ފައްޔާޒް އިސްމާއިލް އަށް ލިބިފައިވަނީ 23 ވޯޓެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފަށާފައިވާއިރު މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4 އަށް ކުރިއަށް ދިޔުމަށް ނިންމާފައިވާއިރު އެވަގުތު ވަނީ އިރުއޮއްސި 6 އަށް ފަހުން ބަދަލު ކޮށްފައެވެ. އަދި މި އިންތިޚާބު ވެގެން ގޮސްފައިމިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ތަކުގެ ތެރެއިން ބޭއްވޭ އެންމެ ވާދަވެރި އަދި ފޯރިގަދަ އިންތިޚާބަކަށެވެ.
އެމްޑިޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ފޯރިގަދަ ކެމްޕެއިންއެއް ކޮށްފައެވެ. މީގެ އިތުރުން ދެ ކެނޑިޑޭޓުންގެ ހޫނު ބަހުގެ ހަމަލާތައްވެސް ވަނީ ރައްދު ކޮށްފައެވެ.
ޗެއާޕާސަނަކު ކަނޑައެޅުމުގެ އިތުރުން މި އިންތިހާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގައި 194 ރަށެއްގައި ވޯޓު އެޅުން ކުރިއަށްދިޔައިރު، މާލޭގައި 87 ފޮށި ބެހެއްޓިފައި ވެއެވެ. އަދި 94،211 މެމްބަރުންނަށް ޗެއާޕާސަން ހޮވުމަށް ވޯޓު ލެވޭއިރު އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. މީގެ އިތުރުން ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.

