ކ. މާފުށި ސްކޫލް ތެރޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބުނުގޮތުގައި އެރަށު ސްކޫލްގެ ގްރޭޑް8 ގެ ދަރިވަރަކު ސްކޫލްތެރޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. މިކަމާ މާފުށީ ސްކޫލްގެ ބެލެނެވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވަގުތު މީޑީޔާއިން ހާމަކުރި ގޮތުގައި އެ ކުއްޖާ ސްކޫލްގައި ހުއްޓާ އޭނާގެ އަތުން ފެނިފައި ވަނީ ތެޔޮ ޕެކެޓާއި، މެތް ކަމަށް ޝައްކު ކުރެވޭ އެއްޗަކާއި އިންޖެކްޝަނެއް ކަަމަށް އެރަށު މީހަކު ވަނީ އެމީޑިޔާއަށް މައުލޫމާތު ދީފައެވެ. މަސްތުވާ ތަކެތި އެކުއްޖާ ވަނީ ސްކޫލްގެ އެހެން ކުދިންނަށްވެސް ވިއްކާފައި ކަމަށް އެމީހާ ވަނީ މައުލޫމާތުދީފައެވެ.
އެރަށުގެ ގިނަބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ފާހަނގަކޮށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިމައްސަލައިގައި ފުލުހުންގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.
މިމައްސަލައިގައި ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކ. އަތޮޅުގެ ރަށެއްގައި ސްކޫލަށް މަސްތުވާތަކެތި ގެނެސްފައިވާކަމުގެ މައުލޫމާތު މިއަދު 11:34 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މިމައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށެވެ.

