ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލާ ލިޔެފައިވާ ކަރުދާސްތައް ރައީސް ޔާމީންގެ ގެކޮޅު ކުރިމައްޗަށް އަޅައި ގެކޮޅަށް ސްޕްރޭ ކުރި މީހާ ހައްޔަރުކޮށްފިއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެރޭ ރައީސް ޔާމީންގެ ގެކޮޅު، ހ.ދޫވެހީގެ ދޮރަށާއި، ގަރާޖުގެ ގޭޓުގައި އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާ ވަނީ ސްޕްރޭކޮށްފައެވެ. އަދި ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އަޅުވާ ބައެއް ލިޔެކިޔުންތައްވެސް އެ ސަރަހައްދަށް ވަނީ އަޅާފައެވެ.މިކަންތައް ކުރި މީހާ ފުލުހުން ދިޔައީ ހޯދަމުންނެވެ. އެމީހާ ހޯދުމަށްފަހު މިހާރު ވަނީ ހައްޔަރުކުރެވިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ވަނީ އިންޑިއާ އައުޓް މާލޭގެ އެކި ތަންތަނުގައި ސްޕްރޭ ކުރަމުންދާ މީހަކުވެސް ހޯދަން އިއުލާންކޮށްފައެވެ.

