ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ގެކޮޅުގެ ދޮރުގައި “އިންޑިއާ އައުޓް” ސްޕްރޭކޮށްފިއެވެ.
އިދިކޮޅުން ހިންގަމުންދާ “އިންޑިޔާ އައުޓް” ހަރަކާތުގައި މިނިސްޓަރު މާރިޔާގެ ގެކޮޅުގެ ދޮރެއްގައި ވަނީ އޮރެންޖު ކުލައިން ބޮޑު އަކުރުން އިންޑިއާ އައުޓް ސްޕްރޭކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކަމުގައިވާ އެންދެރިމާގޭ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފައެވެ.
މިނިސްޓަރ މާރިޔާ އަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަށް ތާއީދުކޮށް އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް ބޭފުޅެވެ.
ސަރުކާރުން އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤަރާރެއް ނެރެފައިވީނަމަވެސް އިދިކޮޅުން މިހަރަކާތް ހުއްޓާނުލައެވެ.
ޔާމީން ހައްޔަރުކުރުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގަ އާއި ޕީޕީއެމް އޮފީސް ކުރިމައްޗަށް ކަރުދާސް އަޅައި ސްޕްރޭ ކުރި ފަހުން އިދިކޮޅުން ދަނީ މިސަރުކާރަށް ތާއީދުކުރާ ބޭފުޅުންގެ ގެކޮޅުތަކުގައި އިންޑިއާ އައުޓް ސްޕްރޭކުރަން ފަށާފައެެވެ.
އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވޭނެ ކަމަށް ބުނެ، އިދިކޮޅުން ދަނީ ހުޅުމާލޭގެ ބޮޑެތި ބައެއް މަގުތަކުގައިވެސް “އިންޑިއާ އައުޓް” ޖަހާފައިވާ ބޯޑުތަކެއް ހަރުކުރަމުންނެވެ.

