އިބްރާހިމް ނާސިރުގެ ދައުރުގައި ގދ.ތިނަދޫއިން މީހުން ބޭލި ހާދިސާއާއި ގުޅިގެން މާލޭގައި ބާއްވާ އަޑުއެހުމުގައި ބަޔާންދޭނެ މީހަކު ނުވިކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެފިއެވެ.
އެއޮފީހުން އަންގާފައިވާ ގޮތުން ގދ. ތިނަދޫއިން މީހުން ބޭލުވި މައްސަލައާ ގުޅިގެން މާލޭގައި ބާއްވަން ތާވަލްކުރެވިފައިވާ އަޑުއެހުންތައް ލަަސްވަމުންދަނީ ބަޔާން ދޭނެ މީހަކު ނުވެގެންނެވެ.
އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އައިޝަތު ފަތުހީ މީޑީޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިނަދޫން މީހުން ބޭލި މައްސަލައިގައި ތިނަދޫގައި ބޭއްވުނު އަޑުއެހުންތަކުގައި ބަޔާން ދީފައިވާ މީހުންނަށް ގުޅަމުންދާ ކަމަށާއި މާލޭގައި ބާއްވަން ތާވަލް ކުރެވުނު އަޑުއެހުމުގައި ބަޔާން ދޭނެ މީހަކު އަދި ނުވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މައްސަލަ ހުށަހަޅާފައިވާ ވަކިވަކި ފަރުދުންގެ ބަޔާންތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށް ވަނީ ހާމަކޮށްފައެވެ.
ތިނަދޫ ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މަސައްލައިގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެއެވެ. އެގޮތުން މާލޭގައި ހުންނަ ވެލާނާގޭގެ ނަން “ގދ. ތެނަދޫ” ވެލާނާގެއަށް ބަދަލުކުރުމާއި، ތިނަދޫން މީހުން ބޭލުމުން ދިވެހި ދައުލަތުގެ ފަރާތުން، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށާއި، ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ދިނުމުގެ އިތުރުން އެކަމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުން ލިބޭ 50 އިންސައްތަ ފައިދާ ތިނަދޫ ރައްޔިތުންނަށް ދާއިމަށް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.
ރާއްޖޭގައި އޭރު ހުންނެވ ރައީސް އިބްރާހިމް ނާސިރު ބޮޑު ހަވަރަކާއެކު އައިސް ތިނަދޫއިން މީހުން ބޭލުވީ ތިނަދޫން ވަކި ސަރުކާރެއް އިއުލާންކުރުމުންނެވެ. މިހާދިސާއަކީ ލާއިންސާނީ ގިނަ އަމަލުތައް ހިންގި ހާދިސާއެކެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ޕަބްލިކް ހިޔަރިންއެއްގެ ގޮތުގައި އާންމުންނަށް ހުޅުވާލައިގެން ތިނަދޫގައި ވަނީ ބާއްވާފައެވެ.

