ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓަރޖޭ އޮޕަރޭޝަނެއް ކުރެއްވި ކަށީގެ ހާއްސަ ޑޮކްޓަރ ޑރ. އަހްމަދު އާޒިމް އަބްދުއްޝަކޫރު ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ ވަޒީފާ ދޫކޮށް އެހެން ހޮސްޕިޓަލަކަށް ބަދަލުވެއްޖެއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑރ.އާޒިމް ވިދާޅުވީ މިއަދުން ފެށިގެން ވަޒީފާ އަދާކުރަމުން ގެންދާނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށާއި އަމިއްލަ ކަމެއްގައި މާލެ ބަދަލުވުމާއި ގުޅިގެން ވަޒީފާވެސް ބަދަލުކޮށްލީ ކަމަށެވެ. އަދި ތިނަދޫގައި ހުންނަ އާޒިމްގެ އަމިއްލަ ކްލިނިކް ސަދަން މެޑިކަލް ސެންޓަރ (އެސްއެމްސީ)ގައި ޚިދުމަތް ދިނުމަށް ދޭތެރެޔަކުން ތިނަދޫއަށް އަންނާނެ ކަމަށެވެ.
އާޒިމް ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މިއީ މިދާއިރާގައި ކުރިޔަށް ދިޔުމަށް ހުޅުވިގެންދާ އިތުރު މަގެއް ކަމަށާއި މިހާހިސާބަށް އާދެވުނީ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ މެނޭޖްމެންޓް އަދި ސްޓާފުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
އެހެންކަމުން ޑރ.އާޒިމް ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް އަދި ސްޓާފުންނަށް ޝުކުރު ދަންނަވާފައެވެ. އާޒިމް ވިދާޅުވީ ތިނަދޫގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ލިބުމަކީ ލިބުނު ވަަރަށް ބޮޑު އުފަލެއް ކަމަށާއި އަވަސް މުސްތަޤުބަލެއްގައި ތިނަދޫގެ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން އަދިވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
As I start a new chapter in my professional career, I would like to thank all the staff, doctors, nurses, support staff and the management of ASMH for everything. I would not be where I am today if not for the help and support of ASMH team. I will miss you and I hope I would be able to return in a near future. It has been an absolute pleasure serving the people of Thinadhoo and Huvadhoo atoll
ޑރ. އާޒިމްގެ ހިތުގައި އަމިއްލަ އުފަންރަށްދެކެ އޮތް ލޯތްބަކީ، ބަންގްލަދޭޝުން ކިޔަވާ ވިދާޅުވުމަށްފަހު، 2012 ގައި ރާއްޖެ ވަޑައިގެން ފުރަތަަމަވެސް އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި ގދ. ތިނަދޫގައި ހުންނަ ރީނަޖަލް ހޮސްޕިޓަލުގައި މަސައްކަތް ފެށްޓެވުމެވެ.
އަމިއްލަފުޅަށް ބޭނުންވެގެން އުފަން ރަށްދެކެ ލޯބިވާތީ، ރަށުގައި ޚިދުމަތްކުރަން ބޭނުންވާ ޑރ.އާޒިމްފަދަ ދަރިންގެ ޚިދުމަތްތައް ފާހަގަކުރަންޖެހެއެވެ. ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް ޑރ. އާޒިމް ތިނަދޫއަށްޓަކައި އެ އަތޮޅަށްޓަކައި، ޚާއްސަކޮށް ޤައުމަށްޓަކައި ކުރައްވަމުންދާ ބުރަ މަސައްކަތް ތިނަދޫގެ ރައްޔިތުން ވަނީ ހިތުގެ އަޑިން ބަލައިގެންފައެވެ.
2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް މޭޖަރ 200 އަށްވުރެ ގިނަ އޮޕަރޭޝަން ކުރައްވާފައިވާ ޑރ. އާޒިމްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓަރޖޭ އޮޕަރޭޝަނެއް ކުރެއްވި ކަށީގެ ޚާއްސަ ޑޮކްޓަރެވެ. ގިނަ އަދަދަކަށް ކޮނޑުހުޅު ނެއްޓިފައިވާ އުމުރުން ދުވަސްވީ މީހުންގެ އޮޕަރޭޝަންތަކާއި އަތުގެ ކަށިގަނޑު ސީދާ ކުރަން ފަދަ އޮޕަރޭޝަންތައް ވެސް ކޮށްފައިވާ ޑރ. އާޒިމް ކައިރިން ފަރުވާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލިމީހުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއަށް އަންނަކަން ފާހަގަކުރެވެއެވެ.

