މިއަހަރުގެ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެރަށުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ޑަބްލިޔުޑީސީގެ ރައީސާ ފަރުޒާނާ ރަޝާދު ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަނގަ ކުރުުމުގެ ގޮތުން ޑަބްލިޔުޑީސީން އިސްނަގައިގެން އިއްޔެ ހަވީރު އެރަށުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުނު ކަމަށާއި ރަށުގެ ކުދިބޮޑު އެންމެންނަށް ހާއްސަކޮށް ބަނދަރު ސްޓޭޖުގައި ބޭއްވުނު އެހަރާކާތް ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނު ކަމަށެވެ.
ފަރުޒާނާ އިތުރަށް ވިދާޅުވީ މިހަވީރުގައި ކުޑަކުދިން ޝައުޤުވެރިވާ ފަދަ ގިނަ ގޭމްތަކާއި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދެވުނު ކަމަށެވެ. އޭގެތެރޭގައި ޕަޒްލް ގޭމް، ފޭސް ޕެއިންޓިންގ، ކަލަރިންގ އަދި ވޯޑު ސާޗް ފަދަ ގޭމްތަކުގައި ކުދިން ބައިވެރިވެފައިވާ ކަމަށެވެ.
މިފަދަ ހަވީރެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަނގަކުރުން ކަމަށާއި ކުޑަކުދިންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދީ އާއިލާއާއެކު އައިސް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ފަރުޒާނާވަނީ ވިދާޅުވެފައެވެ.
މިފަދަ ހަރަކާތެއް ރާވާ ހިންގުމުގައި ރަށު ކައުންސިލުން އަދި ރަށުގެ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަނގަކޮށް ފަރުޒާނާ ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 10 ގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ސްކޫލްތަކުގައި ފާހަގަކުރެއެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި އެކި މުއައްސަސާތަކުން ކުޑަކުދިންގެ ހަވީރާއި ހާއްސަ އެހެނިހެން ހަރަކާތްތައްވެސް ބާއްވައެވެ.
މިއަހަރު ކުޑަކުދިންގެ ދުވަސް ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ކުލަގަދަކޮށް ފާހަނގަކޮށްފައެވެ.
ކުޑަކުދިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1954 ވަނަ އަހަރުގައެވެ.

