ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު ބަހާނެ އުސޫލު އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށެވެ.
އަދި މިއަހަރު އިސްލާމިކް މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއްޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ. އެގޮތުން ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު މެދުވެރިކޮށް އިސްލާމީ މަރުކަޒުގައި ކަމަށާއި، ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.
އެހެންކަމުން، ކަދުރު ޙަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 08:45 އިން 14:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނެވުމަށް އިއުލާނުގައި އެދިފައި ވަނީ އެދިފައެވެ.
ކަދުރު ބަހާނީ 2022 މެއި 16 ވާ ހޯމަ ދުވަހުން ފެށިގެން 2022 މެއި 21 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް ކަމުގައިވެސް އިއުލާނުގައި ވެއެވެ.

