ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަ އަންހެން ކުއްޖަކު ގޮވައިގެން ފިލަން އުޅުނު މީހަކު ދެވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓަސް އެއަންހެން ކުއްޖާ އުޅެނީ ހިޔާގައެއް ނޫނެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިމައްސަލައިގައި ހައްޔަރުކުރެވުނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ވަނީ މީގެ ކުރިންވެސް އެއަންހެންކުއްޖާ ގޮވައިގެން ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ތުުހުމަތުކުރެވޭ ކުށްކުރި ކަމަށް ބާރު ލިބިދޭ ހެކި ހުށަހަޅާފައި ނެތުމާއި ދިފާއުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް އޭރު ކްރިމިނަލް ކޯޓުން ނިންމީ އޭނާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލުމަށެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ނަމަވެސް ބަންދުން ދޫކޮށްލުމާއިއެކު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި ގުޅިގެން އިތުރު ހެއްކާ އެކު ދެ ވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުން މި މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ދިނެވެ.
އޭނާގެ ބަންދާ މެދު އިތުރު ގޮތެއް ނިންމަން އިއްޔެ އެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ.
ކޯޓު އަމުރުގައި ބުނާގޮތުން އެމީހާ އެކުއްޖާއާ ހާއްސަ ގުޅުމެއް ބާއްވާ އެކުއްޖާ ގޮވައިގެން މާލެ އައިކަން ސީސީޓީވީ ފުޓޭޖުން ފެންނަން އެބަހުއްޓެވެ. އަދި ކުޑަކުއްޖާ ގޮވައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވިކަން، ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން އެބަހުރިކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ކުއްޖާ “ފޮރުވައިގެން” ގެންގުޅުނު މީހާ އަކީ ކުށުގެ ރެކޯޑް ގިނަ އަދި އެކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.

