މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރު ކުރެވުނު ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު ޖަލުން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިގެން ރާއްޖެ އިން ބޭރުގައި ހުރުމަށްފަހު ރާއްޖެ އައިތަނުން މިސްބާހުވަނީ ހައްޔަރުކޮށްފައެވެ. މިސްބާހު ފިލާފައިވަނީ ހިއްމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހައްޔަރުކޮށްފައި ހުއްޓައެވެ.
ކަރެކްޝަންސް އިން ބުނީ އެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ފިލުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދާ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް މިހާރު ގެނެވިފައިވާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ މިސްބާހު ގޮވައިގެން ދިޔައީ ޑިސެމްބަރު 8، 2020 ގައި “މަސްޖަރީ-2″ ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެ އަށް 72 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގައެވެ.
މަސްތުވާތަކެތި ފެނިފައިވަނީ އިރުފާނާއި މިސްބާހް ދުބާއީ އަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން އިރުފާން ދުއްވަމުންދިޔަ ކާރުގެ ތެރެއިންނެވެ. މިސްބާހު ގޮވައިގެން ދުބާއީ އަށް ދިއުމަށް ފަހު އިރުފާން އަނބުރާ ރާއްޖެ އަށް އައި ނަމަވެސް މިސްބާހު ރާއްޖެ އައުމުގެ ބަދަލުގައި ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓަކުން ދުބާއީން ޕާކިސްތާނަށް ފުރީއެވެ. އަދި “ގެރެންޓާ” އެއްގެ ގޮތުގައި ޕާކިސްތާނަށް އޭނާ ދިޔަ ކަމަށް ފުލުހުން ބުންޏަސް މިސްބާހު ވަނީ އޭނާ އާންމުކުރި ވީޑިއޯއެއްގައި އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
މިދިޔަ އަހަރުގެ ޖުލައި 23 ގައި މިސްބާހު މާލެ އައުމާ އެކު، ފުލުހުންވަނީ އޭނާ ހައްޔަރުކޮށްފައެވެ.

