ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ފެށިތާ މާގިނަ އިރުތަކެއްނުވެ ކުރާނެ އެއްވެސް މަސައްކަތެއް ނެތިގެން ނިންމާލައިފިއެވެ.
މިއީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށުނު ފަހުން މިގޮތަށް ނިންމާލި ތިންވަނަ ޖަލްސާއެވެ. މިހަފްތާގެ ފުރަތަމަ ދެޖަލްސާވެސް ހަމަ މިގޮތަށް ވަނީ ނިންމާލާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުށައަޅުއްވާ ކުނި މެނޭޖު ކުރުމާއި ބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހުށައަޅުއްވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. އަދި އއ. ރަސްދޫ އައިސް ޕްލާންޓުގެ ޢަމަލީ މަސައްކަތާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށްވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިމަސައްކަތްތައް ނިންމާލުމަށްފަހު އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން ޖަލްސާ ނިންމާލީ ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.

