ދުނިޔޭގެ ސިއްޚަތު ދުވަހާއި ޑޮކްޓަރުންގެ ދުވަސް، ލެބޯރެޓަރީ ހަފްތާ އަދި ނަރުހުންގެ ދުވަސް ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ތިނަދޫ ސްކޫލްގެ ކޮންފެރެންސް ހޯލުގައި މިރޭ ބޭއްވުނު މިހަފްލާ ޝަރަފުވެރި ކޮށްދެއްވީ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ބޯޑު ޗެއަރޕާސަން ޑރ.ލަވްޝާ މުހައްމަދުއެވެ.
މިރަސްމިއްޔާތުގައި ސިއްޚީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އަދި މިހާރު ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ހުސައިންގެ އިތުރުން ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއު ވާހަކަފުޅު ދެއްކެވިއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ބޯޑު ޗެއަރޕާސަން ޑރ.ލަވްޝާ މުހައްމަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ — ހުވަދޫ ފޮޓޯ: ޔާމިން ވަޙީދު
މީގެއިތުރުން ޚިދުމަތުގައި ދެމިތިބި ނަރުހުންނާއި ޑޮކްޓަރުންނާއި ލެބޯޓްރީ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހަދާނީ ލިޔުން ވަނީ ދީފައެވެ. މުވައްޒަފުންނަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް މުޣުނީއެވެ. އަދި 10 އަހަރަށްވުރެ ގިނަ މުއްދަތަށް ހޮސްޕިޓަލަށް ޚިދުުމަތްކުރެއްވުމުގައި ދެމިތިއްބެވި ނަރުހުންނާއި ލެބޯޓްރީގެ މުވައްޒަފުންގެ އަގުވަޒަންކޮށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުއެވެ.
އަދި ހަމަ އެހެންމެ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ، އަދި ލެބޯޓްރީގެ ޚިދުމަތްތަކާއި ބެހޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް މިރަސްމިއްޔާތުގައި ދައްކާލެވުނެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ބޯޑު — ހުވަދޫ ފޮޓޯ: ޔާމިން ވަޙީދު
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ނަރުހުންގެ ދުވަހެވެ. ނަމަވެސް މިއަދު މި ދުވަސް ދިވެހި ނަރުހުން ފާހަގަ ކުރާނީ ތަފާތު ގޮތަކަށެވެ. ބައިނަލްއަޤުވާމީ ގޮތުން ނަރުހުންގެ ދުވަސް ފާހަގަ ކުރާތާ އެތަކެއް އަހަރުވެފައިވާ އިރު، ރާއްޖޭގައި މި ދުވަސް ނަރުހުން ފާހަގަކުރަނީ ކުލަގަދަކޮށެވެ. ހޮސްޕިޓަލްތައް ޒީނަތްތެރި ކުރުމާއި މާފަތި ދެމުމާއި މާމެލާމެލިން ތަން ޒީނަތްތެރި ކުރުމުގައެވެ. ނަމަވެސް މިއަދު އެ ޙާލަތު މިވަނީ ބަދަލުވެފައެވެ.

