ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ވަކިވަކި ފަރުދުން ހުށަހެޅި މައްސަލަތަކާއި ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލަތަކުގައި ބަޔާން ނަގައި ނިންމާލައިފިކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެފިއެވެ.
އެއޮފީހުން ހާމަކުރި ގޮތުގައި ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށް ބުނެ ވަކިވަކި މީހުންނާއި ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލަތަކުގައި މިހާރު ބަޔާން ނަގައި ނިމިއްޖެއެވެ.
މިމައްސަލައިގައި ބަޔާން ދީފައިވަނީ މިހާދިސާގައި އަސަރުކޮށްފައިވާ ތިނަދޫ މީހުންނެވެ. މާލޭގައި އަޑުއެހުމެއް ބާއްވަން އުޅުމުން ބަޔާން ދޭނެ ބަޔަކު ނުވެގެން އެއަޑުއެހުންތައް މިހާރުވަނީ ކެންސަލް ކުރެވިފައެވެ. މިމައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ.
ތިނަދޫ ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މަސައްލައިގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެއެވެ. އެގޮތުން މާލޭގައި ހުންނަ ވެލާނާގޭގެ ނަން “ގދ. ތެނަދޫ” ވެލާނާގެއަށް ބަދަލުކުރުމާއި، ތިނަދޫން މީހުން ބޭލުމުން ދިވެހި ދައުލަތުގެ ފަރާތުން، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށާއި، ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ދިނުމުގެ އިތުރުން އެކަމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުން ލިބޭ 50 އިންސައްތަ ފައިދާ ތިނަދޫ ރައްޔިތުންނަށް ދާއިމަށް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.
ރާއްޖޭގައި އޭރު ހުންނެވ ރައީސް އިބްރާހިމް ނާސިރު ބޮޑު ހަވަރަކާއެކު އައިސް ތިނަދޫއިން މީހުން ބޭލުވީ ތިނަދޫން ވަކި ސަރުކާރެއް އިއުލާންކުރުމުންނެވެ. މިހާދިސާއަކީ ލާއިންސާނީ ގިނަ އަމަލުތައް ހިންގި ހާދިސާއެކެވެ.
ތިނަދޫ މީހުންނަކީ 1960 ގެ އަހަރުތަކުގައިވެސް، ވެރިކަން ކުރާ މާލެއަށް ބަރޯސާ ނުވެ އަމިއްލަ މަސައްކަތުން ފުދުންތެރި ދިރިއުޅުމެއް އުޅެފައިވާ ބަޔެކެވެ. އަމިއްލަ އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ ބޭނުންތަކަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައިގެން އުޅުނު ބަޔަކެވެ. ދިވެހި ދައުލަތަށްވުރެ ކުރިއަރާފައިވާ ރައްޔިތުންތަކެއް ތިނަދޫގައި ތިބުމަކީ، އިބްރާހިމް ނާސިރުގެ ދައުރުގައި ބަލައިގަންނަށް އުދަނގޫވެ، ތިނަދޫ ސުންނާފަތިކޮށް، ރައްޔިތުންގެ މުޅިމުދާ ފޭރިގަތުމުގެ ސަބަބެއްގެ ގޮތުގައި ބެލެވެއެވެ.

