“ކަޅިރަވަ” މަސްދޯނިން މަހަށް ދިޔަ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން “ކަޅިރަވަ” ދޯނިން ބުނެފައިވަނީ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ލޮލަށް ބުޅިއެއް ހެރިގެން ެއެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގއ.ހޮސްޕިޓަލަށް ގެންދެވުނު މީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި ވިލިގިނލީގައި ލޮލުގެ ޑޮކްޓަރަކު ނެތުމުން ތިނަދޫއަށް ގެންދިޔައީ ކަމަށެވެ.
އެމް.އެން.ޑީ.އެފްއިން ވިދާޅުވީ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އުޅޭކަމުގެ ރިޕޯޓް މިއަދު މެންދުރު 14:32ގައި ލިބިފައިވާ ކަމަށާއި ސަދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
މީގެއިތުރުން “ކަޅިރަވަ ދޯނި ގއ. ވިލިނގިލި 10 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށް ލޮލަށް ބުޅިއެއް ހެރިފައިވަނީ އުުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެންއެންޑީއެފުން ވަނީ މައުލުމާތު ދީފައެވެ.
ލޮލުގެ ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ލޮލަށް ބުޅި ހެރިގެން ގެންނަ ގިނަ މީހުންގެ ލޮލުގެ ފެނުމުގެ 85-90 ޕަސެންޓް ގެއްލެއެވެ. ބައެއް ފަހަރަށް މުޅި އުމުރަށް އަނދިރިކަމާ ކުރިމަތިލާން ޖެހެއެވެ. ކުރީ ބައިގައި ފަރުވާ ދެވިއްޖެނަމަ އެއްކޮށް ލޯ އަނދިރިވުމުން ސަލާމަތް ކުރެވުނު ނަމަވެސް، ޑޮކްޓަރުންނާ ހަމައަށް ބަލި މީހާ ގެނެވޭއިރު ގިނަ ފަހަރަށް ހުންނަނީ މާ ބޮޑުވަރުވެފައެވެ.
ބުޅި ހެރުމުން އެންމެ ބޮޑަށް ގެއްލުން ވަނީ އެ ނައްޓަން އަމިއްލައަށް މަސައްކަތްކުރުމުން ކަމަށާއި އޭރުން ލޮލުގެ އެތެރޭގައި ހުންނަ ޓިޝޫތައް ހަލާކުވެ، ޑޮކްޓަރުންނަށް އެ ގެއްލުން މަރާމާތުކުރަން އުނދަގޫވާ ކަމަށް އޭނާ ވިދާޅުވިއެވެ.

