އިސްލާމިކް ސެންޓަރެއްގެ ޑިޒައިން ކޮށްގެން އެއް މިލިއަން ރުފިޔާ ލިބޭ މުބާރާތެއް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ. އަދި ރާއްޖޭގެ ކޮންމެ އާކިޓެކްޓަކަށްވެސް މި ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.
މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ، ހުށަހަޅާ ޑިޒައިން އަކީ އާ ޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާން ޖެހޭނެ ކަމަށާއި އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް އެ ޑިޒައިން ވެގެން ނުވާނެކަމަށެވެ. އަދި މި އިސްލާމިކް ސެންޓަރުގެ ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިން އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނާ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާއަކާއި ރެކްރިއޭޝަނަލް އޭރިއާއެއް ހިމަނަންޖެހޭނެއެވެ.
މި މުބާރާތުން އެއް ވަނައަށް ދާ މީހަކަށް ހަތް ލައްކަ ރުފިޔާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި ދެ ވަނަ އަށް ދާ މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ހަމަޖެހިފައިޥާއިރު ތިން ވަނައަށް ދާ މީހަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އާއި، މައުލޫމާތު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހެވެ. މިމުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން، މިނިސްޓްރީގެ ރަސްމީ މެއިލް competitions@islamicaffairs.gov.mv އަށް މެއިލްއެއް ކުރުމުން ލިބޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

