އިދިކޮޅުން ރޭ ހިންގި “އިންޑިޔާ އައުޓް” ހަރަކާތުގައި އިންޑިޔާ ސިފައިން އެމްއެންޑީއެފްގެ ޔުނީފޯމްގައި ހަރަކާތްތެރިވެފައިވާ ކަމަށާއި އެކަން އެހެން ކުރެވިގެން ނުވާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ރޭ ޕީޕީއެމް ޕީއެންސީން ހިންގި އިހުތިޖާޖުގައި ބެނާތަކާއި ދިދަތައް ހިފައިގެން އުޅުނު މީހުން ހައްޔަރުކޮށް އެއްވުން ރޫޅާލަން އެސްއޯ ފުލުހުން ކުރި މަސައްކަތުގައި ސިފައިން ބައިވެރިވުމާއި ގުޅިގެންނެވެ. ފުލުހުންނާއެކު ހަރަކާތްތެރިވި ސިފައިންގެ ތެރޭގައި އެމްއެންޑީއެފް ޔުނީފޯމުގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވެފައިވާކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
މިއެއްވުމުގެ ތެރެއިން ޕީޕީއެމްގެ މެމްބަރެއްގެ ފަހަތުން ސިފައިންގެ މީހަކު ދުވާ ވީޑިޔޯއެއް އާންމު ކުރަމުން ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަނީ ދިވެހި ސިފައިންނަށް އެހެން ނޫޅެވޭނެކަމަށާއި، ހަމައެފަދައިން އެމްއެންޑީއެފް ޔުނިފޯމުގައި އިންޑިއާ ސިފައިންނަށް އުޅެވިގެންނުވާނެކަމަށެވެ. އަދި 100 އަހަރުގެ ޝަރަފާއި ޤަދަރުވެރި މުއައްސަސާއެއް ކަމަށްވާ އެމްއެންޑީއެފްގެ ތާރީޚުގައި ހުތުރު ލައްގަނޑެއް ޖެހޭކަށް ދިވެހި ސިފައިން ނޭދޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސިފައިންގެ ޔުނީފޯމްގައި ނުހާ ފަހަތުން ދުވަުން ދިޔައީ ކާކުތޯ ބަލަން ސައީދު ވަނީ ގޮވާލާފައެވެ.
100އަހަރުގެ ޝަރަފާއި ނުހަނު ޤަދަރުވެރި މުއައްސަސާއެއްގެ ތާރީޚުގައި ހުތުރު ލައްގަނޑެއް ޖެހޭކަށް ދިވެހިސިފައިން ނޭދޭނެ. ވީމާ ސިފައިންގެ ޔުނިފޯމުގައި މިދުވަނީކާކުތޯ ބަލަންޖެހޭ” މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ރޭ އިދިކޮޅުން ކުރިއަށްގެންދިޔަ އިހްތިޖާޖުގައި 7 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރެއިން އަނިޔާވި ދެމީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފައެވެ. އަދި އިންޑިޔާ އައުޓް ލިޔެފައިވާ ދިދަ ހިފައިގެން ދުވި ނުހާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފައެވެ.
ނުހާ ހައްޔަރުކުރުމަށްފަހު ފުުލުހުން ނުހާގެ މެޔަށް އެންކަލް ބޫޓަކުން އަރައި އޭނައަށް އަނިޔާކުރިކަމަށް އިދިކޮޅުންވަނީ ތުހުމަތުކޮށްފައެވެ. މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑީޔޯތަކާއި ގުޅިގެން ގިނަބަޔަކު ދަނީ ދިވެހި ފުލުހުންނާއި ސިފައިންނާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

