އެއަރކޮންޑިޝަން ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް ގިނަ ފަހަރަށް ރޭގަނޑު މާގިނައިން ދާހިތްލާތީ ހޭލެވޭ ހެއްޔެވެ؟ އޭގެ ފަހަތުގައިވާ ހަޤީޤީ ސަބަބުތައް އެނގޭ ހެއްޔެވެ؟
ހޫނު ގަދަވުމާއި ވެންޓިލޭޝަން ކުޑަވުމުގެ ސަބަބުން ބައެއް ފަހަރު ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދާހިތްލުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މިއީ އާންމުކޮށް ތަޖުރިބާ ކުރަންޖެހޭ ދާއިމީ ކަމެއް ނަމަ، އޭގެ ފަހަތުގައި ނޭނގޭ ކޮންމެވެސް ވަރެއްގެ ސަބަބުތަކެއް ނުވަތަ އަސާސްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މާ ބޮޑަށް ސްޓްރެސްވުމާއި، ބައެއް ކަހަލަ ބޭސްތަކާއި، ޑައިބެޓީސް، އެންޒައިޓީ ޑިސްއޯޑާސް، ތައިރޮއިޑްގެ މައްސަލަތައް ނުވަތަ ޕެރިމެނޯސިސް އަކީ ރޭގަނޑުގައި ހޫނުވެ، ގައިން އާދަޔާ ޚިލާފަށް ދާހިތްލާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ބައެއް ސަބަބުތަކެވެ. އައިބީއެސް ހޮސްޕިޓަލް، ނިއުދިއްލީގެ ސީނިއާ ކޮންސަލްޓަންޓް ނިއުރޮލޮޖީ، ޑރ ކްރިޝަން ރާޖް ބުނެފައިވާ ގޮތުގައި ނިދުމުގެ ތެރޭގައި އާދަޔާޚިލާފަށް ދާހިތްލުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެކުލެވެއެވެ. އޭގެ ފަހަތުގައި ވަނީ ކޮންމެވެސް ސިއްހީ ހާލަތެއްގެ އިންޑިކޭޓަރައެއް ކަމަށެވެ.
ޑޮކްޓަރ ކްރިޝަން ރާޖް އާއި ޑޮކްޓަރ އަނިކެޓް މުލޭ، ކޮންސަލްޓަންޓް އިންޓަރނަލް މެޑިސިން، ވޮކްހާރޑްޓް ހޮސްޕިޓަލްސް، މިދެބޭފުޅުންގެ ނަޒަރުގައި ނިދުމުގެ ތެރޭގައި މާގިނައިން ދާހިތްލުމަށް މަގުފަހިވާ ތަފާތު ސަބަބުތައް ތިރީގައި ހިމަނާލަމެވެ.
ސްޓްރެސްވުން:
ތިބާ ކަންކަމާއި ހާސްވެ ކަންބޮޑުވެ ސްޓްރެސްވޭ ހެއްޔެވެ؟. ތިބާއަށް އެނގެން ޖެހޭ ކަމަކީ އާދަޔާ ޚިލާފަށް އެކްޓިވް ނުވަތަ ހުއްޓުމެއްނެތި މަސައްކަތްކުރާ ސިކުނޑިއެއްގެ ސަބަބުން ރޭގަނޑު ނިދީގައި އާދަޔާ ޚިލާފަށް ދާހިތްލުން ކުރިމަތި ކުރުވައެވެ. ހާސްވެ ކަންބޮޑުވާ ކަންކަމުން ދުރުވެ، ސްޓްރެސް ކުޑަކޮށްލުމަށް، ފޮތެއް ކިޔާލައިގެން، ނިދުމުގެ ކުރިން ހޫނު ފެނުން ފެންވެރުން ނުވަތަ ސިކުނޑިއަށް ހަމަޖެހެން ގެނެސްދޭ ކޮންމެވެސް މިއުޒިކް އަޑުއަހައިގެން ނުވަތަ ހިތްހަމަޖެހޭ ކަމެއް ކޮށްގެން، ހާސްވެ ކަންބޮޑުވާ ކަންތައްތަކާއި، ސްޓްރެސް އާއި ދުރުވުމަށް މަސައްކަތް ކުރުމަށް ޑރ މުލޭ ލަފާދެއްވައެވެ.
ތައިރޮއިޑް މައްސަލަ ހުރުން:
ތައިރޮއިޑް ގްލޭންޑް އަކީ މެޓަބޮލިޒަމް ހިމެނޭ ގޮތަށް ހަށިގަނޑުގެ ގިނަ މަސައްކަތްތަކެއް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ގްލޭންޑް އެކެވެ. އެހެންކަމުން ތައިރޮއިޑް ގްލޭންޑް މާބޮޑަށް ހަރަކާތްތެރިކޮށް ހުރުމުން، ހަށިގަނޑު ފިނިހޫނުމިނަށް މަސައްކަތްކުރާގޮތަށް ބަދަލުތަކެއް ގެނެސް ރޭގަނޑުގެ ނިދީގައި އާދަޔާ ޚިލާފަށް ދާހިތްލުން ކުރިމަތި ކުރުވައެވެ.
އެންޒައިޓީ ޑިސްއޯޑާސް:
ކަންބޮޑުވުމާއި ސްޓްރެސް އަކީ ތަފާތު ފިޒިއޮލޮޖިކަލް ރެސްޕޮންސްތައް އުފައްދާ އެންމެ އާންމު ހާލަތްތަކެވެ. މިކަމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ހަށިގަނޑަށް ތަފާތު ބަދަލުތައް ކުރިމަތިކުރުވައެވެ. އޯސީޑީ، އެސްއޭޑީ ނުވަތަ ޕީޓީއެސްޑީ ފަދަ ބަލިތައް ހުންނަ މީހުންނަކީ ކަންބޮޑުވުމާއި ހާސްކަމުގެ ސަބަބުން ރޭގަނޑުގައި އާދަޔާ ޚިލާފަށް ދާހިތްލުމުގެ ފުރުސަތު ބޮޑުކަމަށް ޑރ ކްރިޝަން ރާޖް ބުނުއްވައެވެ.
މައްސަރުކަންތަކުގެ މައްސަލަ ހުންނަ އަންހެނުން:
މައްސަރުކަންތަކުގެ މައްސަލަ ހުންނަ އަންހެނުން ރޭގަނޑުގެ ނިދީގައި އާދަޔާޚިލާފަށް ދާހިތްލާ ކަމަށް ފާހަގަކުރެވެއެވެ. ކުޅިކޮށް ކެއުން، މާގިނައިން ކޮފީ ބުއިމުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ރޭގަނޑުގެ ވަގުތުތަކުގައި ގަދަޔަށް ދާހިތްލުމަށް މަގުފަހިކުރުވާ ކަމެކެވެ. އެހެންކަމުން، ރޭގަނޑު ވަގުތު ތަކުގައި މިފަދަ ތަފާތު އާދަތަކާއި ދުރުހެލިވުމަށް ޑޮކްޓަރ މުލޭ ނަސޭހަތްތެރިވެއެވެ.
ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން:
އެންޓިޑިޕްރެޝަން، އެންޓިރެޓްރޯވައިރަލް، ނުވަތަ ހައިޕަރޓެންޝަން ބޭސްތަށް ބޭނުންކުރުމުން ހަށިގަނޑުގެ ފިނިހޫނުމިން ނުވަތަ ކޮންޓްރޯލް ކުރުމަށް އެމީހެއްގެ ސިކުނޑީގެ މަސައްކަތްކުރާ ބައިތަކަށް އަސަރުކުރުވައެވެ. މި ބޭސްތަކުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި އާދަޔާ ޚިލާފަށް ދާހިތްލުން ކުރިމަތިވގެން ދެއެވެ. މިފަދަ އުދަނގުލެއް ކުރިމަތިވާނަމަ، ޑޮކްޓަރާ ވާހަކަ ދައްކައިގެން މި ބޭސްތަކުގެ ބަދަލުގައި އެހެން ބޭސްތަކެއް ބޭނުންކުރެވިދާނެއެވެ.
ތަފާތު އިންފެކްޝަންތަކުގެ ސަބަބުން:
ރޭގަނޑު ގަދަޔަށް ދާހިތްލުމާއި. ޓީބީ، އެޗްއައިވީ ނުވަތަ ލިއުކީމިއާ ފަދަ ލޭގެ ބަލިތައް ފަދަ ތަފާތު އިންފެކްޝަންތަކާ ވަރަށް ބޮޑަށް ގުޅުން ވެއެވެ. ތަފާތު އިންފެކްޝަންތަކުގެ ސަބަބުން ހުން އައިސް ހަށިގަނޑުގެ ހޫނުމިން މައްޗަށް ގޮސް، ރޭގަނޑު މާގިނައިން ދާހިތްލަނީ ކަމަށް ޑރ ކްރިޝަން ރާޖް ބުނެއެވެ.
އެހެންކަމުން ރޭގަނޑު ނިދާފައި އޮންނައިރު، އާދަޔާ ޚިލާފަށް ދާހިތްލުން ފާހަގަކުރެވޭނަމަ، އޭގެ ފަހަތުގައި ކޮންމެވެސް ސީރިއަސް ސިއްޙީ މައްސަލައެއް ފޮރުވިފައިވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ކަމެއް ފާހަގަކުރެވޭނަމަ، ފަރުވާކުޑަނުކޮށް، ސިއްޙީ މާހިރަކަށް ދައްކައި، ލަފާހޯދުން ބުއްދިވެރިއެވެ.

