ރާއްޖޭގައި ވަގަށް ނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މައްސަލައިގައި އެމްޑީޕީ ބޭޒާރުވެފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ ސަރުކާރެއް އޮތަސް މީހުން ގެއްލި އަދި މަރުވާ ކަމަށާއި އެކަންތައް އޭރު ހުންނަ ވެރިޔެއްގެ ބޮލުގައި އަޅުވައިގެން ދޮގު ފެތުރީމާ ކޮންމެވެސް ދުވަހަކުން އެކަން އަބުރާ ގައިގަ ޖެހޭކަމަށެވެ. އަދި ރިޟުވާންގެ މައްސަލައިގައި އެމްޑީޕީން ކުރީ ވަރަށް ދަށުދަރައިޖައިގެ ކެމްޕެއިނެއް ކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.
ނޫސްވެރިޔާ ރިޟްވާންގެ ބައްޕަ ބުނެފައިވަނީ ރިޞްވާން ގެއްލުނު މައްސަލާގައި މިސަރުކާރުން ދެއްކި އެވެސް ވާހަކައެއް ހަގީގަތަކަށް ނުވިކަމަށާއި، އާއިލާއަށް އިންސާފު ހޯދައިދެވޭނީ ކުރީގެ ރައީސް ޔާމީނަށް ކަމަށެވެ. އަދި އެކަމުގައި ރައީސް ޔާމީންގެ އަތެއް ނުވާކަމަށް މަރު ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވި ދުވަހުން ފެށިގެން އެކަން ގަބޫލު ކުރިކަމަށާއި ރައީސް ޔާމީނަށް އަމާޒުކޮށް އެއްޗެހި ކިޔުނީ ރިޟްވާނަކީ އޭނާގެ އުފަން ދަރިފުޅަށް ވެފައި ކުރި އަސަރެއްގެ ބޮޑުކަމުން ކަމުގައި ރިޟުވާންގެ ބައްޕަ ވަނީ ބުނެފައެވެ.
މީގެއިތުރުން ރައީސް ސޯލިހު ވެރިކަމަށް އަންނަންވެގެން ރިޟުވާންގެ ބައްޕަ ލައްވައި ޔާމީންއަށް އެއްޗެހި ކިޔުއްވީ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް ރިޟްވާންގެ ދައްތަ ޝެހެނާޒް ބުނެފައިވަނީ ބައްޕަގެ ބަލިހާތުގެ ފައިދާ ސިޔާސީ ފަރާތްތަކުން ނަގަމުން ގެންދާ ކަމަށާއި ބައްޕައަކީ ސިޔާސީ މީހެއް ކަމަށެވެ.
ރިޟުވާން ގެއްލިފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން، 2014ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފައެވެ.

