ޏ.ފުވައްމުލަކުގައި ޑައިވިންގއަށް ފޭނބި ދެމީހުންގެ ތެރެއިން ހާލުދެރަވެގެން ފަރުވާދެމުންދިޔަ މަހުމޫދު ފާއިޒު އިތުރު ފަރުވާ އަށް އިންޑިއާ އަށް ފޮނުވާލައިފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި މަހުމޫދު އިންޑިޔާއަށް ފުރުވާލީ މިއަދު ހެދުނުގެ ވަގުތެއްގައެވެ.
މަހުމޫދުއަށް އޭޑީކޭ ހޮސްޕިޓަލް، ދ. ކަނޑިންމަ ރިސޯޓު އަދި ޅ. ކުރެންދޫ އައިލޭންޑު ރިސޯޓުގެ ޑީކޮމްޕްރެޝަންގައި ވަނީ ފަރުވާ ދީފައެވެ. އެހެންނަމަވެސް މަހުމޫދުގެ ހާލު ރަނގަޅުނުވާތީ ޑޮކްޓަރުންގެ ލަފާގެ މަތިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި އިތުރު ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ނަގަން ވަނީ ފޮނުވާލާފައެވެ.
މިދިޔަ ފިތުރު އީދު ދުވަހު ފުވައްމުލަކު ޝާކް ޕޮއިންޓަށް މަހުމޫދު އާއެކީ ޑއިވިންގއަށް ފޭބި މުހައްމަދު ސައީދު އަދިވެސް ނުފެނެއެވެ. ޑައިވިން ކުރުމުގެ ތެރޭގައި ސައީދު ގެއްލިފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ މިމަހު 8 ވަނަ ދުވަހު ހުއްޓާލާފައެވެ. ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާކުރެވޭ އާލާތްތަކެއް އެސަރަހައްދުން ފެނިފައިވެއެވެ.

