ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މައްސަލަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް ގެނައުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ޕެޓިޝަންގައި ސޮއިކުރަން ފަށައިފިއެވެ.
ގދ.ހޯޑެއްދޫގައި މީގެ 16 އަހަރު ކުރިން ވިލާ ގުރޫޕުން ހަދަން ފަށާފައިވާ ކޯލްޑް ސްޓޯރޭޖް ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނުނިމި ގިނަ ދުވަސްވުމުން މިމައްސަލަ ހައްލުކޮށް އެތަނުގެ ޚިދުމަތް ލިބޭނެ ގޮތް ހަދައިދިނުމަށް ރައީސަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއް ތައްޔާރުކޮށް އެޕެޓިޝަނުގައި ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.
ހޯޑެއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯޑެއްދޫގައި ހޮރައިޒަން ފިޝަރީޒްއިން ހަދަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރަމުންދާތާ 16 އަހަރު ވެފައިވާ ކަމަށާއި އަދިވެސް އެމަސައްކަތް ނިމިފައިނުވާ ކަމަށެވެ. އެހެންކަމުން އެކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިންމައި ޚިދުމަތް ފޯރުކޮށް ދިނުމަށް ބާރުއެޅުމަށް ހޯޑެއްދޫ ކައުންސިލުން ވަނީ ސަރުކާރުގެ ކަމާއި ގުޅޭ މުއައްސާތަކަށް ގޮވާލާފައެވެ. އަދި އެތަނުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ އާއި މިހާރު އޮތް ހާލަތަށް ރިޢާޔަތްކޮށް ވަގުތީގޮތުން ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްކިރޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްވެސް ހޯޑެއްދޫ ކައުންސިލުން ވަނީ ހޮރައިޒަން ފިޝަރީޒަށް ގޮވާލާފައެވެ.
މީގެއިތުރުން ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމި އެތަނުގެ ޚިދުމަތް މަސްވެރިންނަށް ފޯރުކޮށްދެވިއްޖެ ނަމަ މިއަދު ދިމާވެފައިވާ ހާލަތުން މަސްވެރިންނަށް އަރައިގަނެވޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މިސަރުކާރުން މަސްވެރިންގެ ޝަކުވާތައް އަޑުއަހައި ސަރުކާގެ ވައުދުތައް ފުއްދުމުގައި ލަސްވަމުންދާތީ ހޯޑެއްދޫ ކައުންސިލުންދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދެކުނުގައި ޤާއިމުކުރާ ބޮޑު ކޯލްޑް ސްޓޯރޭޖްކަމަށްވާ ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސް ނިމުމުން ދެކުނުގެ އަތޮޅުގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްނުކިރި މަސްވެރިން ކުރާ ޝަކުވާތަކަށް ނިމުމެއް އަންނާނެއެވެ.

