ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ނެރުބައްތިއަށް ލޯންޗެއް އަރައި، ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެއެވެ.
މިރޭ 7:15 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ ލޯންޗެއް ވިލިނގިލި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި، އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ލޯންޗުން ފަސް މީހުން ދަތުރުކުރި ކަމަށާއި އެތަނުން ދެ މީހަކު ކަނޑަށް ވެއްޓިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެކްސިޑެންޓުގައި ކަނޑަށް ވެއްޓުނު ދެމީހުން ނަގައި އެމީހުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ދެމީހުން ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ލޯންޗްގައި ތިބި އެހެން މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އެމީހުންނަށް މިވަގުތު ދަނީ ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

