ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ހެލިފެލިވެ އުޅެ ކަސްރަތު ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ނަމަވެސް ޓެކްނޮލޮޖީ ކުރިއަރައިގެންގޮސް، ޒަމާނާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބޮޑެތި ބަދަލާއިއެކު، ކޮންމެ މީހެއް ބަދަލު ވެގެންދަނީ ދުވާލެއްގައި އޮންނަ 24 ގަޑިއިރުވެސް މަދުވެ، ކުރަންޖެހޭ ކަންކަން ނުނިމޭ، ހަލަބޮލި ދިރިއުޅުމެއް އުޅެމުން އަންނަ ބިޒީ މީހަކަށެވެ.
ކަސްރަތުކުރުމާއި، ހެލިފެލިވެ އުޅުމަކީ، ސިއްޙަތަށް ނުހަނު ބޭނުންތެރި ކަމެއްކަން އެނގޭއިރުވެސް، މިފަދަ ކަންކަމަށް ވަގުތު ހުސްކޮށް ޤަވާއިދުން ކަސްރަތުކޮށް ހަދަނީ މަދުބަޔެކޭ ބުނުމުން މިއީ ދޮގަކަށް ނުވާނެއެވެ. ޚާއްސަކޮށް މުޅި އިންސާނިއްޔަތަށް ކުރިމަތިވެގެންދިޔަ ސިއްޙީ ނުރައްކާ ކަމުގައިވާ، ކޮވިޑްގެ ބަލިމަނޑު ކަމާއިއެކު، އަހަރަމެންގެ މިކުޑަ ދިވެހި މިމުޖުތަމަޢުގައިވެސް ކަސްރަތުކުރުމަށް ނުކުމެ އުޅުން ގާތްގަޑަށް ހުއްޓުމަކަށް އައެވެ. މިގޮތުން ކޯވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ވެސް ފެތުރި، ރާއްޖެ ލޮކްޑައުންވެ ގެއިން ނުނުކުމެވި ތިބެން ޖެހުނު ވަގުތުގައިވެސް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ގޭގެ ހަތަރު ފާރު އެތެރޭގައިވެސް ކަސްރަތު ކުރެވިދާނެކަން، އަހަރަމެންގެ ތެރެއިން ދިވެހި އަންހެން ކަނބަލަކު ވަނީ، ސާބިތުކޮށްދީފައެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަނެޖެހޭކަމާއި މިއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަން، މީގެ 16 އަހަރު ކުރިން ކަސްރަތުގެ ތެރެއަށް ނުކުތް، އަދި ފާއިތުވި 14 އަހަރު ދުވަހު ކަސްރަތުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންއަންނަ ދާއިރާގެ ފުންނާބު އުސް ފަރާތެއް ކަމަށްވާ ޝާމިލާ އަހްމަދު (ޝާލޫ) ވަނީ އޭނާގެ ބަހާއި އަމަލުން ވަރަށްވެސް ފުރިހަމަޔަށް ދައްކާފައެވެ. ކިތަންމެ ބިޒީ ޝެޑިއުލްއެއްގައި އުޅެމުންވެސް، ގޭގެ ހަތަރު ފާރުގެ އެތެރޭގައި ކުރެވިދާނެ ކިތަންމެ ކަސްރަތެއް ހުރިކަން އަންގައިދީ، ކަސްރަތު ކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް، ޝާލޫ ވަނީ އޭނާގެ ބޫޓް ކޭމްޕެ މެދުވެރިކޮށް އެތައް ކަނބަލުންނަކަށް ބުނެދީފައެވެ.
ކާމިޔާބުކަމާއެކީ އޮންލައިން ކަސްރަތު ކްލާސް ހިންގުމަށް ތަޖުރިބާ ލިބިފައިވާ، ޝާލޫގެ އޮންލައިން ކަސްރަތު ކުލާސް ފެށުމުގެ ޚިޔާލު އައި ގޮތް ހިއްސާކުރަމުން ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި މެލޭސިއާގައި ތަމްރީނެއް ފުރިހަމަ ކުރަމުން ދިޔައިރު، އެ ތަނުން ބައިވެރިއަކު އޮންލައިންކޮށް ކަސްރަތު ކުލާސްތައް ނަގައިދިނުމާއި ގުޅޭގޮތުން ޚިޔާލު ދެއްވި ކަމަށެވެ.

2020 ވަނަ އަހަރު އެންމެ ހަތަރު ބައިވެރިންނާއިއެކު ޒޫމް ކުލާހެއް މެދުވެރިކޮށް ޝާލޫ ފެށި ބޫޓް ކޭމްޕްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާތާ ދެ އަހަރާއި ގާތްވެފައިވާއިރު، މިހާރު އެ ކުލާހުގައި 80 އަށްވުރެ ގިނަ ބައިވެރިން ތިބެއެވެ. ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މި ކުލާހުގެ ބައިވެރިން ތިބިއިރު، ޝާލޫގެ އޮންލައިން ކަސްރަތު ކްލާހުގައި، ރާއްޖެއިން ބޭރުގެ ބައިވެރިންވެސް އުޅެއެވެ. މިހިސާބުން ޝާލޫގެ ބަހެއް ހިމަނާލަން ގަސްތުކުރަމެވެ.
މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟
އަހަރެންގެ އެންމެ ބޮޑު ކާމިޔާބަކީ ބައިވެރިން ބޭނުންވާ ޓާގެޓަށް ބަރުދަން ލުއިކުރުމުގައި ކާމިޔޔާބުވުން ނުވަތަ ބޭނުންވާ ހިސާބަށް ފިޓްނަސް ލެވެލް ދިޔުން. ގިނަ ބައެއްގެ އިތުބާރު ލިބި މަސައްކަތް ޤަބޫލުކުރުން. އޮންލައިންކޮށް މިކުރާ މަސައްކަތުގައި ވަރަށް ގިނަ ކަނބަލުންނަށް އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައި. ގޭގައި ތިބެގެން ފިޓްނެސްއަށް އެހީތެރިވެދެވުުނު. ރާއްޖެއިން އެކަނި ނޫން. ރާއްޖެއިން ބޭރުންވެސް އަންހެން ކަނބަލުން ބައިވެރިވޭ. ލަންކާ އިންޑިޔާ، މެލޭޝިޔާ އަދި ޔޫކޭ ފަދަ ޤައުމުތަކުން ބޫޓް ކޭމްޕްގައި ބައިވެރިވޭ. މިއީ ވަރަށް ބޮޑު ކާމިޔާބެއް
ކަސްރަތު ކްލާސްތަކެއް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ ކޮބާ؟
ކްލާހުގެ އަމާޒަކަށްވީ ގިނަ އަންހެން ކަނބަލުންނަށް ވާސިލްވުން. ވީހާވެސް ގިނަ ކަނބަލުންނަށް ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށްޓަކައި ކެއުން ބައްޓަން ކުރެވޭނެ ގޮތާއި ގޭގައި ހުރެގެންވެސް ކަސްރަތުން ކުރެވޭނެ ކަންތައް އަދި ނަތީޖާ ފެންނާނެކަން ޔަޤީންކޮށްދިނުން. ހަށިގަނޑަށް ފައިދާވާ ކާނާ އަގަޔަށް މީރުކޮށް ހެދިދާނެ ގޮތްތައް ކިޔައިދިނުން. ސަޕޯޓް ވައިބަރ ގްރޫޫޕްގަ ހުރިހާ ކަމެއްވެސް ހިިއްސާކޮށް އެޔަށް ހައްލު ހޯދައިދިނުން. ކަންތައްތައް ހިއްސާކުރުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުން. އަންހެނުން އަންހެނުންނަށް އެހީތެރިވެދިނުން،އެކަކު އަނެކަކަށް އެހީތެރިވެދީ ކަންކަމުގައި ހިތްވަރުދީ ހަދާ.
މިޕްރޮގްރާމް ކުރިޔަށް ގެންދަން ހަމަޖެހިފައި އޮންނަނީ ކިހިނެއް؟
ޒޫމް މެދުވެރިކޮށް އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ރޭގަނޑު 6 އިން 7އަށް …މަޣުރިބް ނަމާދަށް އަންނަ ބަދަލާއެއްކޮށް ނަމާދަށް ވަގުތު ދިނުމަށް މިގަޑިޔަށް ބަދަލު އަންނާނެ.
މިދާއިރާއިން ޝާލޫގެ ޓާގެޓަކީ ކޮބާ؟
މިޕްރޮގްރާމް ޓާގެޓް ކުރަނީ ބޭރަށް ކަސްރަތު ކުރަން ނުދެވޭ ކަނބަލުން ގޭގައި ތިބެގެން އޮންލައިންކޮށް ކަސްރަތުކޮށްލުން އަދި އޮންލައިންކޮޯށް ލައިވް ކްލާސް ނުކުރެވޭ ހާލަތުގައި ރެކޯޑިންގވެސް ފޯރުކޮށްދެވޭ ގޮތަށެވެ. އަދި އަޅުގަނޑަކީ މިދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރަކަށްވާތީ އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި އަތޮޅުތެރޭ ކަނބަލުންނަށް ވީހާވެސް ބޮޑަށް ރަށުން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ހެޔޮ އަގެއްގައި ވަރަށް ފުރިހަމަ ނަތީޖާ ނެރެވޭނެ ކަސްރަތު ޕްރޮގްރާމެއް ހިންގުން.

ޑައިވިިން ކުރުމަކީ ވެސް ޝާލޫ ވަރަށް ގަޔާވާ ކުރާ ކަމެއް. ފްރީ ޑައިވިން ފެށުނީ ކިހިނެއް؟
ޑައިވްކުރަން ފެށުނީ 2019 ގައި ރައްޓެހިންނާއެކު ގޮސް ޓްރެއިންހެދުމުން. އަބަދުވެސް ވަރަށް މޫދަށް ދާހިތްވޭ. ވަޅޯ އަދި ފްރީ ޑައިވް.ކޮމް ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. މިހާރުވެސް ހަފްތާ ބަންދު އެއީ ފްރީ ޑައިވް އަދި އައިލެންޑދް ހޮޕިންގއަށް ހުސްކުރާ ދުވަސް. ޑައިވް ކުރަން އެންމެ ހިތްވަރުދެނީ ފިރިމީހާ.
އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟
ދަރިފުޅު މަތީ ތައުލީމް ހާސިލްކޮށްގެން އަންނަ ދުވަސް. މިހާރު ދަރިފުޅު އުޅެނީ ކިންޑާގާޓެންގައި.
އެންމެ ދާހިތްވާ ޤައުމަކީ ނުވަތަ ރަށަކީ ކޮބާ؟
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަރަށް ދާން ބޭނުން. އެރަށްރަށުގައި އޮންނަނީ ވަރަށް ތަފާތު ސަޤާފަތެއް. ވަރަށް ދާހިތްވޭ އެ ރަށްރަށަށް. ފުރުސަތު ލިބޭ ވަަރަކުން ވަރަށް ބޭނުން ރާއްޖޭޣެ ހުރިހާ ރަށަކަށް ގޮސްސަ އަންހެނުންގެ ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާ އަދި ކަސްރަތް ދަސްކުރުމަށް ކްލާސްތައް ހިންގާން. މިހާރުވެސް ރާއްޖޭގެ އާބާދީގެ 3 އަންހެނުންގެ ތެރެއިން 2 އަންހެނުންނަކީ ބަރުދަން ލުއިކުރަން ބޭނުންވާ ބައެއް ކަމަށް ދިރާސާތަކުން ދައްކާ. އެހެންވެ އަސްލު ވަރަށް ބޭނުން ކަމެއް މީ ކުރަން.
ރަށްރަށަށް ގޮސް ކްލާސްތައް ނެގޭނެތަ؟
އޮންލައިން ކްލާސް ކޮންމެ ތާކު ހުރެގެންވެސް ހަމަ ހެދޭނެ އަދި މިހާރުވެސް އެކިރަށްރަށުން ކަސްރަތް ކުރަމުން ދަނީ. އަދި ރާއްޖެއިން ބޭރުންވެސް މިއޮންލައިން ބޫޓް ކޭމްޕްގައި ބައިވެރިން އެބަތިބި. އެކަމަކުވެސް ގޮސް ބައްދަލުކޮށް ލިބިފައިހުރި ތަމްރީންތަކާއިތަޖުރިބާތައް ހިއްސާކޮށްލަން ވަރަށް ބޭނުުން.
ވަރަށް އުފާވާ ކަމެއް އެއީ ކުދިންނާ ދިމާވެލާ އެކަހަލަ ފުރުސަތުތަކެއް ލިބުންވެސް. ވަރަށް އުފާވި ކުދިން ޝުކުރު އަދާކޮށް މިކަހަލަ ޕްރޮގްރާމެއް ހިންގާ އަލުން އައުމަށްވެސް އެދުނު.

ރައްޔިތުންނަށް ޝާލޫ ދޭނެ މެސެޖަކީ ކޮބާ؟
ޝާލޫ މީ ރައްޔިތުންގެ މީހެއް. ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް ޝާލޫއަށް ލިބިފައިވާ އިލްމާއި ހިލްމުން އެހީތެރިކަން ފޯރުކޮށްދިނުން.
ދިރިއުޅުމުގައި އެހެން ލައިފެއް ފެނިދާނެތަ؟
ފެނުން އެއީ ވަރަށް ނާދިރުކަމެއް. އެކަމަކުވެސް މުސްތަޤުބަލުގައި ވާނެ ގޮތެއް ނޭގެ އެހެން ބުނާކަށް.
މޮޑެލިންގ ނުވަތަ ފިލްމަކުން ނޫނީ ލަވަޔަކުން ޝާލޫ ފެނިދާނެތަ؟
ކެމެރާ ކުރިމަތިން ފެނިފަ ކަންނޭގެ ހުންނާނީ. އެކަމަކު ފިލްމަކުން ހިޔެއްނުވޭ ފެނިދާނެހެން. ހޭލުންތެރިކުރުވާ ޕްރޮގްރާމްތަކުން ފެނިފަ ހުންނާނީ އަދިވެސް ކުރިޔަށް އޮތް ތަނުގައިވެސް ފެންނާނެ. إن شاء الله މޮޑެލްކުރާ ހިތެއް ނުވޭ އެކަމަކުވެސް އަދާކުރާ ވަޒީފާގެ ގޮތުން ކުރަންޖެހޭ ދެއްތޯ.
ރާއްޖޭގެ މިފަދަ ހުނަރުވެރި ފަރާތެއްގެ މަސައްކަތަށް މިހާބޮޑު ތަރުޙީބެއް ލިބި، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިޔަށްގެންދިޔުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ ވަރަށްބޮޑު ކުރިއެރުމެއްކަމުގައި ދެކެމެވެ. ދުޅަހެޔޮ ސިއްޙަތު ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި ޝާލޫ ކުރަމުންއަންނަ މަސައްކަތް ބަލައިގަނެ، ޤައުމީ ފެންވަރުގެ އެވޯޑެއް ދޭންޖެހޭ ކަމުގައި ފެނެއެވެ. ދިވެހިންގެ ހުނަރާއި މަސައްކަތް، ބައިނަލްއަޤްވާމީ ފެންވަރެއްގައި ފުޅާވެގެންދިޔުމަކީ ދިވެހިންނަކީ ހުނަރުވެރި ބައެއްކަން ދައްކުވައިދޭ އަލިގަދަ ރަމްޒެކެވެ. އުއްމީދަކީ، ޝާލޫ ފަދަ އިތުރު ހުނަރުވެރި ފަރާތްތައް ދިވެހިންގެ ތެރެއިން އުފެދި، ދިވެހިރާއްޖޭގެ ނަން މުޅިދުނިޔެއަށް ވިދުވައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ދިވެހި ދަރިން އުފެދިގެން ދިޔުމެވެ.

