އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ދަމާފައިވާ ބެނާއަކުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ސަބަބު ފުލުހުންނަށް ބުނެ ނުދެވޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ޖަހާފައިވާ ބެނާއެއް ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ވުމުން ފުލުހުން ވަނީ ކޯޓު އަމުރާއެކު އެގެއަށް ވަދެ އެ ބެނާ ނަގައިފައެވެ. ޔާމީން އިސްވެ ހުރެ ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަކީ ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިއާގެ ސިފައިން މިގައުމުން ބޭލުމަށް ގޮވާލާ ކުރިޔަށް ގެންދާ ސުލްހަވެރި ހަރަކާތެކެވެ. އެހެންނަމަވެސް އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅާ އެ ކެމްޕޭން އަކީ ގައިރުގާނޫނީ ކެމްޕޭނެއް ކަމަށް ރިޔާސީ ގަރާރަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސް ޔާމީންގެ ގެކޮޅު، ހ.ދޫވެހީގައި ދަމާފައިވާ “އިންޑިއާ އައުޓް” ބެނާ ނަގަން ފުލުހުންނަށް ކްރިމިނަލް ކޯޓުން ދިން އަމުރު ބާތިލް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތީ ދަށު ކޯޓުގެ އެ އަމުރު ބާތިލްކޮށްދިނުމަށެވެ.
މިއަދު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާ ހުށަހަޅުއްވަމުން ވަކީލު އަލީ ޝިޔާޒް ވިދާޅުވީ ކޯޓު އަމުރެއް ނެރެގެން އަމިއްލަ މުދަލެއް، ގެދޮރުގައި ދަމާފައި ހުރި ބެނާއެއް ގެންދެވޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޝިޔާޒު ވިދާޅުވީ ގާނޫނުން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އަމިއްލަ ގޭގައި ހުރެގެން ފާޅުކުރާ ހިޔާލަކީ އާންމު ތަނެއްގައި ހުރެ ފާޅުކުރި އަދި އާންމު މަސްލަހަތު ގެއްލޭ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

