ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ބީއެމްއެލް ޕޭ ވޮލެޓް މިއަދު ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން މައުލޫމާތުދިން ގޮތުގައި އަލަށް ތައާރަފް ކުރެވުނު ޚިދުމަތް ހޯދުމަށް ބީއެމްއެލްގެ މޮބައިލް އެޕްލިކޭޝން އަޕްގްރޭޑް ކުރަންޖެހެއެވެ. މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފާ ގެ ހިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ.
ބީއެމްއެލްގެ ކަސްޓަމަރުން ހަމަ އެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާ ފޮނުވާ، ހަލުވިކަމާއެކު ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ހިދުމަތް ބޭނުންކުރުމަށް މިޚިދުމަތް އެހީތެރިވެދޭނެއެވެ. ބީއެމްއެލް ޕޭ ވޮލެޓަކީ ރައްކާތެރިކަމާއެކު ޕޭމެންޓުތައް ހެދުމަށް ތައާރަފްކުރެވުނު ޚިދުމަތެކެވެ.
މިދިޔަ އަހަރު މޮބައިލް ބޭންކިން އެޕަށް ގެނައި ބަދަލުތަކާއެކީ އިތުރު ފީޗާސްތައް ތައާރަފް ކުރެވިގެންދިޔައެވެ. ހަމައެއާއެކު މިއަދު އިތުރުކުރެވުނު ޑިޖިޓަލް ވޮލެޓާއެކު އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށާއި ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާރ ޓިމް ސޯޔާ ވިދާޅުވިއެވެ.
ޓިމް ސޯޔާ ވިދާޅުވީ އެބޭންކުގެ އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ބީއެމްއެލް ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިންގ ހިދުމަތެއް ދިނުން ކަމަށާއި ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

