މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ބިސް ވިއްކަން ބަހައްޓަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.
ކުނިވެފައި ހުންނަ ކުކުޅު ބިސް ވިއްކުމާ ގުޅޭގޮތުން އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނީ، މާލޭ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރު ކުރުމާއި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުން ފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތި ވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެފްދީއޭއިން ބުންޏެވެ.
އެހެން ކަމުން ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަވެގެން ތިން މަސް ދުވަހު ކަމަށާއި ފިނި ނުކޮށް ހުންނަ ބިސް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. ފާހަގަ ކޮށް، އޮތޯރިޓީން ބުނީ، މުއްދަތު ހަމަވާ ތާރީހު ހަމަވުމުން، ބިސް ކުނިވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
“ފިނި ކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއި އެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަށް. އަދި ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް. މުއްދަތު ހަމަވާ ތާރީހު ހަމަވުމުން ބިސްކުނި ވުމުގެ ފުރުސަތު އޮންނާނެ. ހަމަނުވިކަމުގައި ވިޔަސް ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާނަމަ ވިސް ކުނިވުމުގެ ފުރުސަތު ވެސް އޮންނާނެ.” އެމްއެފްޑީ އިން ބުނެފައި ވެއެވެ.
އެއޮތޯރޮޓީން ވަނީ ބިސް ވިއްކަން ބަހައްޓާއިރު، ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށާއި ބިސް ގަންނަ ފަރާތްތަކުން ބިހުގެ މުއްދަތު ހަަމަވާ ތާރީހަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

