ރާއްޖޭގެ މަޝްހޫރު ޓިކްޓޮކްތަރި ހުނޭސާ އާދަމް (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނު މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީއާއި، ލ.މާވަށް، ރެޑިއަމްގެ ހުނޭސާ އާދަމް ނަސީރާއި، ގއ.ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމް މަސްތުވާތަކެތި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާކުރުމަށް 18 މޭ 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ކޮށްފައިވާ ދަޢުވާތަކުގައި ހިމެނެނީ ގާތްގަނޑަކަށް 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތްއާއި، 139 ގްރާމް ކެނެބިސް ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ހުނޭގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ވެސް ދައުލަތުން ވަނީ އުފުލާފައެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ހުނޭސާއަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ހުނޭސާ އަކީ ޓިކްޓޮކުން މަޝްހޫރުކަން ހޯދައި ދިވެހި ފިލްމީ ދާއިރާއަށް ތައާރަފްވި މޫނެކެވެ. “ހުވާ” ފަދަ މަޝްހޫރު ސީރީޒްތަކުން ފެނިގެން ދިޔަ ހުނޭސާ ވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.
ހުނޭސާއާ އެކީ ހައްޔަރުކުރެވުނު އޭނަގެ ލޯބިވެރިޔާ މުޙައްމަދު އާދަމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު ޙުނައިން ބިން ޢަލީގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

