ތ. ބުރުނި ކައިރިއަށް ޑައިވިންގއަށް ގޮސް އުޅުމުގެ ތެރޭގައި މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑީޔާ އޮފިޝަލް ވިދާޅުވީ ތ.ބުރުނީގެ ދެކުނުން ހަތަރު މޭލު ބޭރުގައި އެންހިފަންވެގެން ޑައިވިންގއަށް ފޭބި މީހަކަށް އަނިޔާވެގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމީހާ ތ.އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
މިހާދިސާގައި އަނިޔާ ލިބިފައިވަނީ “މާފަތް 4” ދޯނީގައި އުޅލޭ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކޮން އަނިޔާތަކެއްކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެމީހާގެ ކަނާތަށް ވަނީ ވަރަށ އަނިޔާވެފައެވެ.
މިހާރަކަށް އައިސް ޑައިވިންގކޮށްގެން އެން ހިފުން މިވަނީ އާންމުވެފައެވެ. ފާއިތުވި އަހަރުތަކުގައި ޑައިވިންގ ކޮށްގެން ކެޔޮޅުންނާއި ފަޅުވެރިންނަށް ވަރަށް ހިތާމަވެރި ހާދިސާތައްވަނީ ދިމާވެފައެވެ. ދާއިމީ ހާނިއްކަ ލިބުމުގެ އިތުރުން އެތައް ފަޅުވެރިންނެއް ނިޔާވެއްޖެއެވެ. އެންހޯދަން ވައިފުޅި އަޅައިގެން ފީނުމުގެ ސަބަބުން ނުކުޅެދޭ ހާލުގައި ދާއިމީކޮށް ބަލިއެނދުގައި އޮންނަންޖެހިފައި ތިބި ފަޅުވެރިން މިހާރުވެސް އެބަތިއްބެވެ.

