މުޅިދުނިޔޭގެ އެކިކަންކޮޅުތަކުގައި ހޫނުމިން މަތިވެފައިވާ މިދަނޑިވަޅުގައި ގިނައަދަދެއްގެ މީހުންނަށް ވަނީ އާދަޔާޚިލާފު ހޫނު ތަޙައްމަލުކުރަން ޖެހިފައެވެ. އަދި ހޫނުން ސަލާމަތްވުމަށް މީހުން، ތަފާތު ފިޔަވަޅު އަޅަމުން އަންނައިރު، ހޫނުން ސަލާމަތްވުމުގެ ތަފާތު އީޖާދީ ހައްލު ހޯދުމަށް އިސްކަންދޭ މީހުންވެސް މަދެއް ނޫނެވެ.
ދިއްލީގައި އޮޓޯ ޑްރައިވަރެއް ކަމަށްވާ މަހެންދުރަ ކުމާރު ވަނީ މިދުވަސްކޮޅު ކުރިމަތިވެފައިވާ ގަދަ ދިލަ ހޫނުން އަމިއްލަ ނަފްސާއި ފަސިންޖަރުން ސަލާމަތް ކުރުމަށް އީޖާދީ އާ ހައްލެއް ހޯދާފަ އެވެ. މިއީ ތިމާވެއްޓާއިވެސް ރައްޓެހި، ޚަރަދުކުޑަ ހައްލެއްވެސް މެއެވެ.
ކުމާރު ވަނީ އޭނާގެ އޮޓޯގެ ގެގަޑުގެ މަތީގައި ކުޑަވަރެއްގެ ބަގީޗާއެއް ހައްދާފައެވެ. މި ބަގީޗާއަކީ އިރުގެ ދިލަ ހޫނުން އޭނާއާއި ފަސިންޖަރުން ރައްކާތެރިކޮށްދިނުމަށް އެހީވެދީ، ވެހިކަލްގެ އެތެރޭގެ ފިނިހޫނުމިންވެސް ދަށްކޮށްދޭ ބަގީޗާއެކެވެ.
ކުމާރުގެ މި އީޖާދީ ވިސްނުން އެންމެ ފުރަތަމަ ތަންފީޒުކުރީ 2020 ވަނަ އަހަރު އެވެ. މޫވްކުރެވޭގޮތަށް ހައްދާފައިވާ މި ބަގީޗާގެ ފަހަތުގައިވާ މަޤްޞަދާއި ބެހޭ ގޮތުން ރޮއިޓާސްއާ ވާހަކަ ދައްކަމުން ކުމާރު ބުނެފައިވަނީ، މިފަދަ ބަގީޗާއެއްގެ ސަބަބުން ހޫނު މޫސުމުގައި ހޫނުވުމުގެ މައްސަލަޔަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާއަށް ވިސްނުނު ކަމަށެވެ. އަދި ގަސް ހައްދައި ބޮޑުކުރީ މިވިސްނުމުގައި ކަމަށެވެ. ކުމާރު ބުނެފައިވާގޮތުން، ގިނަބަޔަކަށް މިކޮންސެޕްޓް ކަމުގޮސްފައިވާކަމަށާއި، އަދި މިވިސްނުމުގެ ސަބަބުން އޭނާގެ އޮޓޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ކަމަށެވެ. ވެހިކަލްގައި ދަތުރުކުރާ ގިނަ ޕަސެންޖަރުން އޭނާއާއި ވެހިކަލް އަރާގޮތަށް ވީޑިޔޯ އަދި ގިނަ ފޮޓޯތަކެއް ނަގާކަމުގައި ކުމާރު ފާހަގަކޮށްފައި ވެއެވެ. އަދި މިއީ އޭނާގެ ވިޔަފާރި ރަނގަޅުވެ، ގިނަބަޔެއްގެ ސަމާލުކަން އޭނާގެ އޮޓޯއަށް ހުއްޓި، ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާކަމެއްގެ ގޮތުގައޮ ކުމާރު ފާހަގަކުރެއެވެ.
ކުމާރުގެ މިޚާއްސަ ބަގީޗާގައި، އޭނާ ގިނައިން ހައްދަނީ ތަފާތު ތަރުކާރީ އަދި މޭވާ އަޅާ ގަސްތަކެވެ. މިގޮތުން އޭނާ ހައްދާ ގަހުގެ ތެރޭގައި، ޓޮމާޓޯ، އޮކްރާ، ސްނޭކް ގާޑް، އަދި ސްޕިނެޗް ފަދަ ގާތްގަނޑަކަށް 25 ބާވަތެއްގެ ގަސް ހިމެނެއެވެ. މީގެ އިތުރުންވެސް އޮޓޯގެ އެތެރޭގައި ފިނިހޫނުމިން ދަށް ކުރުމަށް ކުމާރު ވަނީ އޭގެ ތެރޭގައި ކުޑަ ފަންކާވެސް ހަރުކޮށްފައި ވެއެވެ.
މި އަހަރު އިންޑިއާގައި ރެކޯޑް އަދަދަކަށް ހޫނުމިންވަނީ މަތިވެގެން ގޮސްފައެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ މާޗް މަހަކީ އިންޑިއާގެ މިހާތަނަށް ރެކޯޑުކުރެވުނު 122 އަހަރުވީ މޫސުމީ ތާރީހުގައި ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ މަހެވެ.
މީގެ ކުރިން އައިއެމްޑީ އިން ވަނީ ދިއްލީ، ހަރިޔާނާ، މަދްޔަ ޕްރަދޭޝް، ރާޖަސްތާން އަދި ޖަރްކަންދު އަށް ޔެލޯ އެލާޓް އެލާޓް ނެރެ، 29 އޭޕްރީލް އިން 1 މެއި 2022 އަށް ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިގެން ދިޔުމާއި ގުޅިގެން، ޔެލޯ އެލާޓް ނެރެފަ އެވެ. ޔެލޯ އެލާޓަކީ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް އައިއެމްޑީއިން ނެރެފައިވާ އެލާޓެވެ.

