މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބިފައިވާ 453 ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާ ކަމުގައި ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށައަޅައިފި އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތު ނެތުމާއެކު މިހާރުގެ ހާލަތަށް ރިއާޔަތްކޮށް މި ފަހަރު ލިބުނު ހުރިހާ ޖާގައެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް ލިބިފައިވާ 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކުރެވިފައިވާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއޫގައި ތިބި މީހުންނަށްވެސް އޮންނާނެ ކަމަށް ބުންޏެވެ.
އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަކޮށްފައިވާ 100 ކޯޓްގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާއްމު ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

