ރާއްޖެއަށް ކަނޑައައެޅުއްވާފައި ހުންނެވި އިންޑިޔާ ސަފީރު މުނޫ މަހާވުރު ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި “އިންޑިއާ އައުޓް” ޖަހައިފިއެވެ.
އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ދިރިއުޅުއްވާ އަމީންއެވެނިއު އިމާރާތް ކުރިމަތީ ވަނީ ރަތް ކުލައިން ބޮޑު އަކުރުން އިންޑިއާ އައުޓް ސްޕްރޭކޮށްފައެވެ. މިއީ ރޭގެ ވަގުތެއްގައި ކޮށްފައިހުރި ކަމެކެވެ.
އިދިކޮޅުން ހިންގަމުންދާ އިންޑިޔާ އައުޓް ކެމްޕެއިން ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހު ޤަރާރެއް ނެރެފައިވީނަމަވެސް އިދިކޮޅުން ދަނީ ހުއްޓާނުލާ މިހަރަކާތް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ދާދި ފަހުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެކޮޅު މާފަންނު ވިލާގައި، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ފާރުގައިވެސް އަދި ޑިފެންސް މިނިސްޓަރ މާރިޔާގެ ގެކޮޅުގައިވެސް އިންޑިޔާ އައުޓް ސްޕްރޭކޮށްފައިވެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް އިންޑިއާ އައުޓް އަންނަނީ ލިޔަމުންނެވެ. އެހެންކަމުން “އިންޑިޔާ އައުޓް” ލިޔަމުންދާ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިވަނީ ފަށާފައެވެ. އަދި އެހަރަކާތުގައި އުޅޭ އެކަކު ފިލައިގެން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އެގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު 34، އެވެ. ފުލުހުން ބުނީ، އަބްދުލްޣައްފާރު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާގައި ފިލާ އޮއްވައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

