އުމުރުން ދުވަސްވެ މުސްކުޅިވި ނަމަވެސް ތިމާގެ ދަރިން މަތީ ތައުލީމް ހާސިލްކޮށް އިއްޒަތްތެރި މަޤާމްތަކުގައި އުޅޭތަން ދުށުމަކީ ކޮންމެ މައެއްގެވެސް ހުވަފެނެކެވެ. ވަކި ދަރިިއެއް ތަފާތު ކުރުމެއްނެތި ހުރިހާ ދަރިންނަށް އުގަންނައިދީ ކާމިޔާބީއާ ހަމަޔަށް ވާސިލްކުރުމަށް މައިންބަފައިން ގަދައަޅާ މަސައްކަތްކުރެއެވެ. ހަމައެގޮތަށް ގދ.ތިނަދޫއަށް އުފަން މަރިޔަމް ޖަމީލާގެ ހަތަރު ދަރިން އެއްކޮށް އެއް ރަސްމިއްޔާތެއްގައި ދަސްވެނިވެގެން ދިޔުމަކީ ޖަލީއަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެކެވެ. ބޮޑު ޝަރަފެކެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމިކް ޔުނިވާސިޓީގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތުގައި ޖަމީލާ ބައިވެރިވީ ވަރަށް ފަޚުރުވެރިކަމާއެކުގައެވެ. އެރަސްމިއްޔާތުގައި ޖަމީލާއަށް ލިބިގެން ދިޔަ ބޮޑު ޝަރަފަކީ ދަރިންނަށްޓަކައި ޖަމީލާ ވެފައިވާ ޤުރުބާނީތަކުގެ ފޮނި މޭވާއެވެ.
ޖަމީލާގެ ހަތަރު ދަރިން ކަމުގައިވާ ނަޒާހަތު ނައީމް، އައިޝަތު ނާސިހާ، އަހުމަދު މިޒްހަތު ނައީމް އާއި ނަޒްހަތު ނައީމްގެ ގްރޭޖުއޭޝަން ވެގެން ދިޔައީ އެއާއިލާއަށް އުފާވެރިކަން ގެނެސްދިން ރަސްމިއްޔާތަކަށެވެ.
އެ ހަތަރު ބެއިންގެ ތެރެއިން ނަޒާހަތު ނައީމް އާއި ދައްތަ އައިޝަތު ނާސިހާ ނައީމް ނިންމީ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންއެވެ. އަހުމަދު މިޒްހަތު ނައީމާއި ނަޒްހަތު ނައީމު ކިޔެވީ އެޑިއުކޭޝަން އިން ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަނެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޖަމީލާ ބުނިގޮތުގައި އޭނަގެ ތިބީ ޖުމްލަ ހަތް ދަރިންނެވެ. އޭގެތެރެއިން ހަތަރު ދަރިން އެއްކޮށް ކިޔަވައި ދަސްވެނިވުމަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. ދަރިންނަށް ކިޔަވައިދިނުމަށް އެކުދިން މާލެ ފޮނުވައިގެން ވަރަށް ބުރަ މަސައްކަތުން ދަރިން ބޮޑެތިކުރިކަން ޖަމީލާ ވަނީ ފާހަނގަކޮށްފައެވެ. ހަތްކުދިންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މާސްޓާސް ހަދާފައެވެ. މިއީ ޖަމީލާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ދަރިން ބޮޑެތިވެ މަތީ ތައުލީމް ހާސިލްކުރުމުން މިއަދު ޖަމީލާއަށްވުރެ އުފަލުގައި އުޅޭ މީހަކު ނެތެވެ. ދަރިންނަށްޓަކައިވި މަތިވެރި ޤުރުބާނީގެ އަގުވަޒަންކޮށް ދަރިން ވަނީ ޖަމީލާގެ ހިތް އުފަލުން ބަންޑުންކޮށްފައެވެ.

ކަނާތުން ވާތަށް – އަހުމަދު މިޒުހަތު، ނާސިހާ، ނާސިހާ ފިރިމީހާ، ނުޒުހަތު، ނަޒާހަތު
އެހެންނަމަވެސް ޖަމީލާގެ ހިތެއް އަދި މިހިސާބުން ފުރުނީކީ ނޫނެވެ. ޖަމީލާ ބޭނުންވަނީ ހުރިހާ ދަރިން އަދި އިތުރަށް ކިޔަވާ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރި ބަޔަކަށް ވުމަށެވެ. ދަރިންގެ މުސްތަޤުބަލަށްޓަކައި އަދިވެސް ޤުރުބާނީވާން ޖަމީލާ ހުރީ ތައްޔާރަށެވެ.
ހިސާބު ޓީޗިން އިން ޑިޕްލޮމާ ހަދައިގެން ނަޒާހަތު މީގެ ކުރިން އުޅުނީ މަޖީދިއްޔާ ސްކޫލްގެ ޓީޗަރަކަށެވެ. އޭގެ ފަހުން މެލޭޝިޔާއިން ސިވިލް އިންޖީނިއަރިން ޑިގްރީ ހަދައިގެން މަސައްކަތް ޕްލޭނިން (ކުރިން ހައުސިން) މިނިސްޓްރީގައި މަސައްކަތްކުރާތާ ހަ އަހަރުވެއްޖެއެވެ. އަދި ހައި ސްޕީޑް ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަޝްރޫއުގައި މި ވަގުތު އިސްކޮށް މަސައްކަތް ކުރާ އެކަކީ ނަޒާހަތުއެވެ. އޭގެ އިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މޮނީޓާކުރުމަކީ ވެސް ނަޒާހަތުގެ ޒިންމާއެކެވެ.
ނަޒާހަތު ބުނިގޮތުގައި އަންނަ ޖުލައިމަހު މެޕްސް ކޮލެޖުން ބާއްވާ ގްރޭޖުއޭޝަނުގައި ނަޒާހަތު ޕްރޮޖެކްޓް މެނޭޖްމަންޓުން ޑިގްރީ ހާސިލް ކުރާނެއެވެ. ހަމައެގޮތަށް ނަޒާހަތުގެ ދައްތަ ނާސިހާވެސް ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބެޗެލާރ އޮފް ޝަރީއާ އެންޑް ލޯ އާއި މާސްޓަސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހަދާފައެވެ.

ނާސިހާ އާއި ނަޒާހަތު، ކުއްލިއްޔާ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ރީޝާއެކު – ފޮޓޯ: ނާސިހާ
އުފަން ރަށް ގދ.ތިނަދޫގައި ހުންނަ އަތޮޅު ކައުުންސިލް އިދާރާގައި ނުޒްހަތު މަސައްކަތް ކުރަމުންދާއިރު އާކިޓެކްޓާ ޑިގްރީ ހާސިލް ކުރުމަށްފަހު މިޒުހަތު ވަޒީފާ އަދާކުރަމުންދަނީ ލޭބަ ރިލޭޝަން އޮތޯރިޓީގެ ޑިރެކްޓަރަކަށެވެ.

އަހުމަދު މިޒުހަތު އާއި ނުޒުހަތު، ކުއްލިއްޔާއޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަންސައިންސް އަހުމަދު ސަލީމް އާއެކު – ފޮޓޯ: ނާސިހާ
މިހަތަރު ކުދިންވެސް ދިރިއުޅުމުގައި ކާމިޔާބީއާ ހަމަޔަށް ވާސިލްވެ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުމަކީ ޖަމީލާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޝަތު ނާސިހާ ބުނީ މިފަދަ ކާމިޔާބެއް ހާސިލް ކުރެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި އައިޔޫއެމް މުދައްރިސުންނަކީ ދަރިވަރުންނަށް ނަމޫނާ ބައެއް ކަމަށެވެ. އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތަކު މުދައްރިސުން ތައްޔާރަށް ތިބޭކަން ނާސިހާ ވަނީ ފާހަނގަކޮށްފައެވެ. އެހެންކަމުން އައިޔޫއެމްގެ ލެކްޗަރާއިންނާއި ޑީނުންނަށް ނާސިހާ ވަނީ ޝުކުރު އަދާކޮށްފައެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ރަޖިސްޓްރާ އުސްތާޒް އަހުމަދު ރައުފަށް ނާސިހާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އުސްތާޒު އަހުމަދު ރައުފަކީ ދަރިވަރުންނަށް އިލްމީ ގޮތުންނާއި އަމަލީ މައިދާނުގައި ކުރިއެރުން ހޯދައިދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާ ބޭފުޅެއްކަން ނާސިހާ ވަނީ ފާހަނގަކޮށްފައެވެ.

އައިޔޫއެމް ރަޖިސްޓްރާ އުސްތާޒް އަހުމަދު ރައުފް
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބެގެންވެސް މިހާރު މަތީ ތައުލީމް ހާސިލްކުރެވޭނެ ނިޒާމު މިވަނީ ޤާއިމުކުރެވިފައެވެ. އެގޮތުން އޮންލައިންކޮށް ކިޔެވުމަކީ ގިނަ ދަރިވަރުން ދަސްވެނިވުމަށް ހުޅުވިގެންދިޔަ މަގެކެވެ. ޖަމީލާގެ ހަތަރު ދަރިންވެސް ދަސްވެނިވެގެން ދިޔައީ އޮންލައިންކޮށް ކިޔަވައިގެންނެވެ.

