މިހާރު ކުރިއަށްދާ 23 ވަނަ އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތުގެ ރެކޯޑް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ނިޒާރު މުގުރާލައިފިއެވެ.
100 މީޓަރު ދުވުމުން ރިކޯޑް މުގުރާލާފައިވަނީ މިމުބާރާތުގައި މިއަދު އޮތް ދުވުމުގައި 11.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ނާހިލް އަކީ އިންޓަރ ސްކޫލްގައި މިހާރު އެންމެ ބާރު ދުވުންތެރިޔާއަށް ވާއިރު، މީގެ ކުރިންވެސް މިމުބާރާތުގައި ވާދަކޮށް ގިނަ ކާމިޔާބީ ވަނީ ހޯދާފައެވެ. ނާހިލް އަކީ 100 މީޓަރާއި، 200 މީޓަރު ދުވުމާއި ލޯންްގް ޖަމްޕްގެ އިތުރުން ރިލޭތަކުގައިވެސް ގިނަ ކާމިޔާބީ ހޯދާ ދަރިވަރެކެވެ.
23 ވަނަ އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތުގައި ނާހިލް 100މީޓަރު ދުވުމުން ރިކޯޑް މުގުރާލާފައިވާއިރު، މީގެ ކުރިންވެސް އެ ރިކޯޑް އޮތީ ނާހިލް ނިސްބަތްވާ ސްކޫލް ކަމަށްވާ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިސް ދަރިވަރެއް ކަމުގައިވާ ރާފިލް ވާފިރު އަތުގައެވެ. އެއިރު ރާފިލް ރިކޯޑް މުގުރާލާފައިވަނީ 11.7 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ނާހިލް 100 މީޓަރު ނިންމާލުމަށް ފަހު އިބާދުﷲ އާއި އެކު – ފޮޓޯ: އިބްރާހިމް އިފާޒް
ގދ. ތައުލީމީ މަރުކަޒަކީ ޒަމާނުއްސުރެ އެތްލެޓިކްސް އިން ރާއްޖޭގައި ފަޚުރުވެރި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސްކޫލެއްކަން ފަހަގަ ކޮށްލެވޭއިރު، މިހާރު ރާއްޖޭގެ އެންމެ ބާރަށް ދުވާ ދުވުންތެރިންގެ ތެރެއިން 2 ވަނައިގަ ހިމެނޭ އިބާދުﷲ އާދަމް އަކީވެސް ގދ.އަތޮޅު ތައުލީމީ މަރުކަޒަށް ނިސްބަތްވި ދަރިވަރެކެވެ. އިބާދުﷲ އަކީ މިހާރު ރާއްޖޭގެ ގައުމީ ޖޫނިއާ ޓީމުގައި އެންމެ ބާރު ދުވުން ތެރިޔާގެ މަގާމު ހާސިލް ކޮށްފައިވާ އެތުލީޓެވެ.
އިބާދުﷲގެ އިތުރުންވެސް މިވަގުތުވެސް ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމުގައި ތިނަދޫ އާއި ގދ.އަތޮޅު ތައުލީމީ މަރުކަޒަށް ނިސްބަތްވި އެތުލީޓުންވެސް ހިމެނެއެވެ.
މިހާރު ކުރިއަށްދާ 23 ވަނަ އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތަކީ އެތްލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

