މަރުގެ މައްސަލަތައް ތަހުޤީގު ކުރުމުގައި ވަކި ހާލަތްތަކެއްގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބޭ ގޮތަށް ގަވައިދެއް އެކުލަވާލައި މިއަދު އާންމުކޮށްފިއެވެ.
ފުލުހުން ހަދައި އާންމުކުރި މި ގަވައިދުގައި ބުނާ ގޮތުން، ވަކިހާލަތްތަކުގައި މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރުު ފުލުހުންނަށް މިވަނީ ދީފައެވެ. އެގޮތުން އެކްސިޑެންޓުތަކުން މަރުވާ މީހުންނާއި އަމިއްލައަށް މަރުވާ މީހުންނާއި ގަސްދުގައި މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި އިހުމާލުގެ އަމަލަކުން މަރުވާ މީހުންގެ މައްސަލަތަކުގެ އިތުރުން ގުދުރަތީ ހާދިސާތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެން ވެއެވެ. އަދި މަރުވެފައި އޮތީ ކާކުކަން ނޭނގޭ ހާލަތްތަކުގައި ކާކު ކަން ދެނެގަތުމަށް ބޭނުންވާ އެންމެހާ ސާމްޕަލްތައް ނެގުމަށް ގާނޫނުގައި ވަނީ މަޖުބޫރުކޮށްފައެވެ.
މިޤަވައިދުގައި ބުނާގޮތުން ލުހުންނަށް ޕޯސްޓްމޯޓަމް ހެދޭނީ ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދައާއެކުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ރާއްޖޭގެ މަރުކަޒުތަކާއި ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ އޮތް ތަންތަނުންނެވެ.
ޕޯސްޓްމޯޓަމް ހަދަނީ ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ނަމަ އެ ހަށިގަނޑަށް އައިޑެންޓިފިކޭޝަން ނަންބަރެއް ދިނުމަށްފަހު ހާއްސަ ޑާޓާބޭސްއެއްގައި އެ މައުލޫމާތު ރެކޯޑް ކުރުމަށާއި މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑާ ގުޅޭ ގޮތުން ތަހުގީގަށް އިތުރު ކަމެއް ބޭނުން ނުވާނަމަ ލަސްކުރުމެއް ނެތި އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށް މިޤަވައިދުގައި ބުނެފައިވެއެވެ.
ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވައިދު އެކުލަވާލައި އާންމުކޮށްފައި މިވަނީ ގަވާއިދު ހަދަންޖެހޭ މުއްދަތު ހަމަވިތާ ދޮޅު އަހަރު ފަހުންނެވެ.

