"ނޭމް އެންޑް ޝޭމް"ގެ ނަމުގައި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ބިމު ކުލި ނުދައްކައިގެން ހުވަދު އަތޮޅުގެ އެއްވެސް ރިސޯޓެއް ނުހިމެނެއެވެ.
12 ރިސޯޓް އޮޕަރޭޓުން އަދި 13 ރިސޯޓް ހިމެނޭ މި ލިސްޓުގައި ރިސޯޓްތައް ގިނަ އަދި ޓޫރިޒަމްގެ ވިޔަފާރި ރަނގަޅު ހުވަދު އަތޮޅުގައި އޮތް އެއްވެސް ރިސޯޓެއް އަދި ހުވަދު އަތޮޅަށް ނިސްބަތްވާ ރިސޯޓް އޮޕަރޭޓަރެއް ވެސް ހިމެނިފައި ނުވެއެވެ.
ޓޫރިޒަމް ބިމު ކުލި ނުރައްކާ 12 ރިސޯޓަކާއި ދަނޑުވެރިކަމަށް ދޫކޮށް ކުލި ނުދައްކާ ހަތަރު ކުންފުންޏެއްގެ ނަން މީރާ އިން އާއްމުކޮށްފައިވެ އެވެ. ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރަން މީރާ އިން އެކުލަވާލާފައިވާ "ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން މީރާގެ ޓެކްސް ސެންޓަރުގެ ބޯޑުގައި އާއްމުކުރި ޓޫރިޒަމް ދާއިރާގެ 12 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެ އެވެ.
ކުލި ނުދައްކައިގެން ނަން އާންމުކުރި 12 ރިސޯޓް:
1. އައްޑޫ ސައުތު ޕާމް މޯލްޑިވްސް
2. ތުރީއޭ ކުންފުނީގެ ފިލިތެޔޮ
3. އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
4. އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
5. ރީކޯ މޫސަގެ ރަހާ ރިސޯޓް
6. ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
7. މެދުފުށި އައިލެންޑް ރިސޯޓު
8. ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
9. ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
10. ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
11. ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
12. ހޮނޑާފުށި އައިލެންޑް ރިސޯޓު
މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަން ފެށީ ޓެކްސް ނުދައްކާ މީހުންގެ ނަން ހާމަ ކުރުމާ ގުޅޭ ގޮތުން މީރާ އިން އެކުލަވާލައި މިދިޔަ މާޗު 16ގައި ގެޒެޓުގައި ޝާއިއުކުރި އުސޫލުގެ ދަށުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށީ މިދިޔަ މަހު އެވެ.
މީގެ ކުރިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރަމުން އައީ މީރާގެ ވެބްސައިޓާއި ގެޒެޓު އަދި މީޑިއާތަކުގަ އެވެ. ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި ޓެކްސް ފައިސާ ނުދައްކާ ނުވަތަ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު މިއަދު އާންމުކުރަން ފެށީ މަގަށް ފެންނަ ގޮތަށް ބަހައްޓާފައި ހުންނަ ޓީވީ މެދުވެރިކޮށެވެ.

