ޕީޕީއެމް ޕީއެންސީން ހިންގަމުންދާ “އިންޑިޔާ އައުޓް” ކެމްޕެއިންގެ ދަށުން ބޭއްވުނު ސުލްހަވެރި ހިނގާލުން ކަވަރ ކުރުމަށް ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނަށް އެސްއޯ ފުލުހަކު އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މާލޭގައި ބާއްވަމުންދާ މުޒާހަރާތަކުގައި ފުލުހުން ނޫސްވެރިންނަށް އިންޒާރުދީފައިވާ ކަމަށް ތުހުމަތުކޮށް ކޮށްފައިވާ ޝަކުވާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލްސް ސްޓޭންޑާޓްސް ކޮމާންޑްއިން ބަލަމުންދާ ކަމަށެވެ.
މިމަހު 18 ވަނަ ދުވަހު ޕީޕީއެމުން ބޭއްވި ހިނގާލުމުގެ ތެރޭގައި އަލިކިލެގެފާނު މަގާއި މަޖީދީމަގު ގުޅޭ ކަންމަތިން ސޯލިހު ނަމަކަށް ކިޔާ އެސްއޯ ފުލުހަކު ވަނީ ނޫސްވެރިންނަށް އިންޒާރުދީފައެވެ. އެހަރަކާތް ކަވަރ ކުރުމަށް ޕޭމަންޓު މަތީގައި ނޫސްވެރިން ތިއްބާ ސޯލިހު ނޫސްވެރިންނާ ދިމާލަށް ބުނެފައިވަނީ “ކަލޭމެން ހޭއަރުވާލާނަމޭ” އެވެ.
އެވަގުތު އެތަނުގައި ވޮއިސްގެ އިތުރުން ޗެނަލް-13 ގެ ނޫސްވެރިންވެސް ހަރަކާތްތެރިވަމުންދިޔައެވެ.
ނޫސްވެރިންނަށް ބިރު ދެއްކި މައްސަލަ ބެލުމަށާއި، އިހުމާލުވެެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާ ނޫސްވެެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމުއިއްޔާ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
މީގެއިތުރުން މުޒާހަރާ ކަވަރު ކުރަން އުޅޭ ނޫސްވެރިންނަށް ފުލުހުން ބިރު ދެއްކުމުގެ މައްސަލަތައް ފާހަނގަކުރެވެމުން އަންނަ ކަމަށާއި މުޒާހަރާ ކަވަރު ކުރަން މަސައްކަތް ކުރާ ވަކިވަކި ނޫސްވެރިންގެ ފޮޓޯ ފުލުހުން ނަގަމުން ގެންދާ ކަން ވެސް އެޤަރާރުގައި ވަނީ ފާހަގަ ކުރެވިފައެވެ.
މިމައްސަލަތަކާއި ގުޅިގެން މީޑިއާ ކައުންސިލުން އެ މައްސަލަ ބައްލަވައިދެއްވައި، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ކައުންސިލާއި ހިއްސާ ކޮށްދިނުމަށް ފުލުހުންނަށް ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ.

